ޕާޓީތަކުން ސޮއިކޮށްފައިވާ ލިޔުމަކާ އެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލައިފި

ޑީއާރުޕީ/ޕީއޭ ކޯލިޝަން ރޫޅާލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ޕާޓީތަކުގެ ވެރިން އެއްބަސްވާ ގޮތުގެ މަތިން އަލުން އެކުލަވާލައިފި ކަމަށާއި ކޮމިޓީތައް އެކުލަވާލި ގޮތާ މެދު މާދަމާގެ ޖަލްސާގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު ވިދާޅުވީ ކޮމިޓީތައް އެކުލަވާލާފައިވާ ގޮތާ މެދު އެއްބަސްވެ ވަޑައިގަންނަވާ ކަމުގެ ލިޔުމެއްގައި އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި ގައުމީ ޕާޓީގެ ރިޔާޒް ރަޝީދު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ކަމަށެވެ.
"އެހެންވީމާ ކޮމިޓީތައް އަލުން އެކުލަވާލާފައި ވަނީ އެ ބޭފުޅުން ވެސް ބޭނުންފުޅުވި ގޮތަށްކަން އަޅުގަނޑުމެން އެންމެންނަށް އެނގެން އެބަ އޮތް،" އެ ނިންމުމާ މެދު މާދަމާ ވޯޓަށް އައްސަވާނެކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ ދާއިމީ 13 ކޮމިޓީ އަލުން އެކުލަވައިލި އިރު ކުރިން އެމްޑީޕީ އަށް އަޣުލަބިއްޔަތު އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީ) ގެ އަޣުލަބިއްޔަތު ވަނީ އިދިކޮޅު ފަރާތްތަކަށް ލިބިފަ އެވެ. އަދި މާލިއްޔަތު ކޮމިޓީގެ އަޣުލަބިއްޔަތު ކުރިއެކޭ އެއްގޮތަށް އޮތީ އިދިކޮޅު ފަރާތްތަކަށެވެ. މުހިންމު ކޮމިޓީތަކުގެ ތެރެއިން އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބުނު ކަމަށް އެނގިފައި ވަނީ އިގްތިސާދީ ކޮމިޓީ އާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އެވެ.
މަޖިލީހުގެ މެންބަރުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީތަކަށް ބަދަލު އައުމާ އެކު ކޮމިޓީތައް އަލުން އެކުލަވާލައި ފާސްކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް އެފަހަރު ފާސްކޮށްފައި ވަނީ ޕާޓީތަކުން އެއްބަސްވޮ ގޮތަށް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މައްސަލަ ޖައްސައިފަ އެވެ. އެގޮތުން ޒެޑް ފެކްޝަންގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ކޮމެޓީތަކަށް މެމްބަރުން ބަހާފައި ވަނީ އެ މެމްބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ކޮމެޓީތަކަށް މެމްބަރުން ބަހާފައިވާ ލިސްޓަށް ރިޔާސަތުން ވޯޓަށް އެއްސެވީ ޒެޑް ފެކްޝަނާއި ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މުއްތަލިބާއި ގައުމީ ޕާޓީގެ މެމްބަރު ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ