އިރާގުގެ ހަމަނުޖެހުން ތަކުގައި 40 މީހުން މަރުވެއްޖެ

ބަޣްދާދު ( 5 ޑިސެމްބަރު) - ވެއަތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިރާގުގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި މަދުވެގެން 40 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ. މި ހަމަލާތަކާ ގުޅިގެން، އަންނަ އަހަރުގެ ޖެނުއަރީ 30 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބު ބޭއްވިދާނެ ކަމާ މެދު މިހާރު ވަނީ ޝައްކު އުފެދިފަ އެވެ.
މޫސަލްގެ އަވަށެއް ކަމަށްވާ ކަރާމާގައި ކުރުދީން ދަތުރުކުރި ގާފިލާއަކަށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި ކުރުދީ ހަނގުރާމަވެރިންގެ 17 މީހުން މަރުވެ 40 މީހުން ޒަޚަމްވި އެވެ. މޫސަލް އަކީ ކުރުދީންނާއި އަރަބީންގެ މެދުގައި ވަރަށް ގިނައިން ކުރިމަތިލުންތައް ހިނގާ ރަށެކެވެ.
އިއްޔެ ބަޣްދާދުގެ ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި ދިން ކާރު ބޮމުގެ ދެ ހަމަލާއެއްގައި އިރާގު ފުލުހުންގެ ހަތަރު މީހުން މަރުވެ 49 މީހުން ޒަޚަމްވި އެވެ. މި ހަމަލާ ދިނީ އެމެރިކާ ސިފައިން ވަރަށް ވަރުގަދަ އަށް ބަލަހައްޓަމުން ދާ "ގްރީން ޒޯން" ގެ ނަން ދީފައިވާ ސަރަހައްދާ ވަރަށް ކައިރީގަ އެވެ.
މީގެ އިތުރުން އިރާގުގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި އިތުރު 16 މީހަކު މަރުވި އެވެ. އަދި ބަޣްދާދުގަ އާއި ބައުގޫބާގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހުން މަރުވި އެވެ.
އެމެރިކާ ސިފައިން ބުނި ގޮތުގައި ބަޣްދާދުގެ ރަށް ބޭރު ހިސާބަކުން މަރާލާފައި އޮތް 16 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. -އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ