ކްލިނިކަލް ސައިކޮލޮޖީ އަދި ތެރަޕީތައް ލިބޭ ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމުކުރަނީ

ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ފަދަ ސެންޓަރެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައިވެސް ގާއިމުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމު ތައާރަފުކުރުމާއި ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް މިއަދު ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ތެރަޕިއުޓިކްގެެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެއް ކަމަށާއި އެ ދާއިރާއިން މީހުން ބިނާކުރުމަށް މިއަދު މި ތައާރަފު ކުރި ސްކީމުގެ ސަބަބުން ހާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.
އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަމެއް ދެއްވާ އެއް ވައުދުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެވޭނެހެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ ”ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު“ ފަދަ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
އަދި ކައިރި މުސްތަގުބަލެއްގައި އެފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދު އިފްތިތާހު ކުރި ސްކީމަކީ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމުގެ ދަށުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީގެ ދާއިރާއިން މަތީ ތައުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތައާރަފު ކުރި ސްކީމެކެވެ.
މި ސްކީމްގެ ސްކޮލަޝިޕުތައް ސްޕޮންސާކޮށްފައިވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ