ވޯޓު ނުދިނުމަކީ ހައްލެއް ނޫން: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ނުދިއުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ގައުމު ހިންގުމުގައި ހިއްސާ ވެވޭނީ ވޯޓު ދީގެން ކަމަށެވެ. އެހެންކަމުން ވީހާ ވެސް ގިނަ ބަޔަކު ވޯޓުލުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ނަޝީދު މިހެން ވިދާޅުވީ މާލޭގައި ބަހައްޓާފައި ހުރި ފޮށިތަކަށް ވޯޓުލާން ދާ މީހުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިއަދު މެންދުރު އެކެއް ޖެހުމާ ހަމައަށް މުޅި ރާއްޖޭގައި ވޯޓު ލާފައި ވަނީ ވޯޓު ލިބުމުގެ ހައްގު ލިބޭ މީހުންގެ 32 ޕަސެންޓު މީހުންނެވެ.
"ވޯޓު ނުދިނުމަކީ ހައްލެއް ނޫން. ގައުމު ބިނާކުރުމުގައި ހިއްސާއަކަށް ވެވޭނީ ވޯޓު ދީގެން. ގާނޫނުގައި ބުނެފައިވާ ގޮތުގައި އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް،" މާލޭގައި ވޯޓުލުން ކުރިއަށް ގެންދާ ގޮތް ހެނދުއްސުރެ ގާތުން ބައްލަވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ހުރިހާ ލޯކަލް ކައުންސިލް އިންތިހާބެއްގައި ވެސް މާލޭގައި ވޯޓުލާ މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެއްވެ އެވެ. ގިނަ ފަހަރު ވޯޓުލާން ދަނީ 40 ޕަސެންޓު މީހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު މަދުވަނީ އެ ނިޒާމަށް ގިނަބަޔަކު އިތުބާރު ނުކުރާތީ ކަމަށެވެ، ނަމަވެސް މި ސަރުކާރުން ގާއިމުކުރަން ބޭނުންވާ ލާމަރުކަޒީ ނިޒާމާއެކު އުފެދޭ ފުރަތަމަ ކައުންސިލްގެ މަސައްކަތް ފެނި، އެ އިތުބާރު އުފެދޭނެ ކަމަށް ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމަށް މީހުން ޝައުގުވެރިވާނީ މި ނިޒާމު ރަނގަޅަށް ހިނގާ ތަން ފެނިގެން" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ މިއަދުގެ އިންތިހާބު ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ސައިކަލެއްގެ ފަހަތުގައި އެކި މަރުކަޒުތަކަށް ވަޑައިގެން، ބައެއް އާންމުންނާ ވެސް ހިޔާލު ބަދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ