މިއަދު 5759 މީހަކު ވެކްސިން ޖެހި، ޖުމުލަ 129،000 އިން މައްޗަށް

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 5،759 މީހަކު ވެކްސިން ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 5،759 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 129،424 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.
މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،967 މީހަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 3،792 މީހެކެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ މީހުންގެ ތެރެއިން މާލެއިން 81،323 މީހަކު، އަތޮޅުތެރެއިން 48،101 މީހަކު ވެކްސިން ޖަހާފައިވެއެވެ.
މާލެ ސަރަހައްދުގެ 18 އަހަރުން މަތީގެ އެންމެނަށް ވެސް މިއަދުން ފެށިގެން ވަނީ ވެކްސިން ދޭން ފަށައިފައެވެ. އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް އަންނަނީ ވެކްސިން ދެމުންނެވެ.
ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ