ފަލަސްތީނުގައި ހިނގާފައިވާ ހަނގުރާމައިގެ ކުށްތައް އައިސީސީގެ ޕްރޮސެކިއުޓަރ އޮފީހުން ތަހުގީގުކުރަނީ

ފަލަސްތީނުގެ ސަރަހައްދުގައި 2014ވަނަ އަހަރުގެ ޖޫންމަހުގެ 13ވަނަ ދުވަހުގެ ފަހުން ހިނގާފައިވާކަމަށް ބެލެވޭ ހަނގުރާމައިގެ ކުށްތައް ތަހުގީގުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ އޮފީހުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ފަތޯ ބެންސޫދާ ވިދާޅުވީ ފަލަސްތީނުގެ ހާލަތާއި ގުޅޭގޮތުން އައިސީސީގެ ޕްރޮސެކިއުޓަރގެ އޮފީހުން ތަހުގީގެއް ފަށާފައިވާ ކަމަށާއި، މި ތަހުގީގުގައި އައިސީސީއަށް ބެލޭނެފަދަ މައްސަލަތަކުގެ ތެރެއިން 2014ވަނަ އަހަރުގެ ޖޫންމަހުގެ 13ވަނަ ދުވަހުގެ ފަހުން ހިނގާފައިވާކަމަށް ބެލެވޭ  މައްސަލަތައް ތަހުގީގުކުރެވިގެންދާނެކަމަށެވެ. މި މައްސަލަތައް ބަލާނީ އެއްވެސް ބިރަކާއި ފަސްޖެހުމެއްނެތި ހަމަހަމަކަމާ އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ތަހުގީގުގެ ތެރެއިން ގުދުސް، ހުޅަނގު އައްސޭރި އަދި ޣައްޒާ ސަަރަހައްދުގައި ހިނގާފައިވާކަމަށް ތުހުމަތުކުރެވިފައިވާ ހަނގުރާމައިގެ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރެވިގެންދާނެއެވެ. މި ސަރަހައްދުތަކުގައި ހަނގުރާމައިގެ ކުށްތައް ހިންގާކަމުގެ ތުހުމަތުތައް އިޒްރޭލްގެ އިތުރުން ހަމާސް ފަދަ ޖަމާއަތްތަކުގެ މައްޗަށްވެސް ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ކޮށްފައެވެ.
އައިސީސީގެ މި ތަހުގީގަށް ފަލަސްތީން އަދި ހަމާސް ޖަމާއަތުން ވަނީ މަރުހަބާ ކިޔާފައެވެ. މިކަމާއި ދެކޮޅަށް އިޒްރޭލުން ވަނީ އަޑު އުފުލާފައެވެ. އަދި މިއީ އެ ކޯޓަށް ބެލޭނެފަދަ މައްސަަލައެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. އިޒްރޭލަކީ އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގެ މެންބަރެއް ނޫނެވެ.
މިއަހަރުގެ ފެބްރުއަރީމަހުގައި އައިސީސީން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގެ މައްސަލަތައް އެ ކޯޓަށް ބެލޭނެކަމަށް ހުކުމްކޮށްފައެވެ. އައިސީސީގެ އިހްތިސާސްގައި ހިމެނޭ މައްސަލަތައް އެކޯޓުގެ ޕްރޮސެކިއުޓަރުން ބެލުމަށްފަހު ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފްވެފައިވާކަމަށް ފެންނަނަމަ، ވަކިވަކި ފަރުދުންގެ މައްޗަށް ދައުވާ އުފުލައި ހުކުމްކުރުމުގެ ބާރު އެކޯޓަށް ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ