ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ ދިރާގުގެ ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ޕްރީ އިވެންޓް އެކުވެނި ދުވާ ޓްރެކްގައި ބާއްވާފިއެވެ.
މި ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް ކަމަށް ދިރާގުން ބުންޏެވެ. މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ.
މިއަހަރުގެ ޕްރީ އިވެންޓުގައި  6 ކެޓަގަރީ އަކުން ކުދިން ވާދަކުރި ކަމަށް ދިރާގުންބުންޏެވެ. އެ ކެޓަގަރީތަކީ:
5 އަހަރާއި 6 އަހަރުގެ 50 މީޓަރު ގެ ކެޓަގަރީ
7 އަހަރާއި 9 އަހަރުގެ 80 މީޓަރުގެ ކެޓަގަރީ
9 އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ
12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ
15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ
200 މީޓަރުގެ ވީލްޗެއަރ ކެޓަގަރީ
މި އިވެންޓުގައި ވަނަ ވަނައަށް ދާ ކުދިންގެ މެޑަލް ހަވާލު ކުރުން އޮންނާނީ ދިރާގު ސެޕެޝަލް ސްޕޯރޓްސް ފެސްޓިވަލް ގެ މައި ޙަރާކާތުގައެވެ. މި އިވެންޓުގައި މެޑަލް ހަވާލު ކުރުމުގެ އިތުރުން ފޯރިގަދަ ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ.
ވާދަވެރި މި ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުގެއްލޭކަން ކުދިންނަށް އެގިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
"މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ.  އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް  އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަޤްސަދެކެވެ."
ސްކޫލްތަކާއި އެންޖީއޯ ތަކަށް ހުޅުވާލައިގެން ބާއްވާ މި ފެސްޓިވަލުގައި މިއަހަރު 4 އެންޖީއޯ އަދި 14 ސްކޫލުން ބައިވެރިވިއެވެ. އެއީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕިޒިކަލް ޑިސްއޭބަލްސް، ބިއުޓިފުލް އައިސް  ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ.
ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ، އަމީރު އަހުމަދު، ކަލާފާން، އިމާދުއްދީން ސްކޫލް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ރެހެންދި ސްކޫލް ، މުހިޔުއްދީން ސްކޫލް، ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް، މާފަންނު މަދަރަސާ، ގަލޮޅު މަދަރުސާ، ހުރަވީ ސްކޫލް،ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް ގެ އިތުރުން ޖަމާލުއްދީން ސްކޫލެވެ.
-ޚަބަރު ދިރާގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ