ސެމީފައިނަލްގެ ފަހު ޖާގަ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއަށް

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ފަހެއްގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު އެއްވަރުވުމުން، މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއަށް މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރުވެއްޖެއެވެ.
އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ވާދަކުރީ މާއެނބޫދޫ މުޑި ޖަމްއިއްޔާއެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާއެނބޫދޫ މުޑި ޖަމްއިއްޔާގެ އީލާފް އަހުމަދު އެވެ.
އެ މެޗުގެ ނަތީޖާއާއެކު މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ދެ މެޗުންވެސް އެއްވަރުވެ މުޅިއަކު ދެ ޕޮއިންޓު ހޯދައިގެންނެވެ. އަދި މާއެނބޫދޫ މުޑި ޖަމްއިއްޔާ މިހާރު މުބާރާތުން ވަކިވެފައި ވާއިރު، އެ ޓީމް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ. މާއެނބޫދޫ މުޑި ޖަމްއިއްޔާ އެ މުބާރާތަށް ކޮލިފައިވީ ދ. އަތޮޅުގައި ބޭއްވި އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ހޯދައިގެނެވެ. އަދި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ޒޯން ފަހެއްގެ މުބާރާތަށް ކޮލިފައިވީ މ. އަތޮޅުގައި ބޭއްވި އަތޮޅު މުބާރާތުގެ ދެވަނަ މަގާމް ހާސިލްކޮށްގެނެވެ.
ޒޯން ފަހެއްގެ މުބާރާތުގައި މިހާރު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމިފައި ވާއިރު، އެ މުބާރާތުގެ ގްރޫޕް 'އޭ' އިން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫ އެވެ. އެ ޓީމް މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ދެވަނަ މެޗު ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން މުޅިއަކު ހަތަރު ޕޮއިންޓް ހޯދައިގެނެވެ. އަދި ކުޑަހުވަދޫ ޒުވާނުންގެ ޖަމްއިއްޔާ ސެމީއަށް ދަތުރުކުރީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް މުބާރާތުގެ ގްރޫޕް ސްޓޭޖުން މުޅިއަކު ތިން ޕޮއިންޓް ހޯދައިގެނެވެ.
އެ މުބާރާތުގެ ގްރޫޕް 'ބީ' ގެ އެއްވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ސެމީއަށް ދަތުރުކުރީ މުލަކު އެކުވެރި ކްލަބެވެ. އެ ޓީމް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، ދެވަނަ މެޗު ކަމިޔާބުކޮށް ގްރޫޕް ސްޓޭޖުގައި މުޅިއަކު ހަތަރު ޕޮއިންޓް ހޯދާފައެވެ.
މ. އަތޮޅާއި ދ. އަތޮޅު އަދި ފ. އަތޮޅު މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ވާދަކުރާ ޒޯން ފަހެއްގެ މުބާރާތުގައި ދ. އަތޮޅު މުބާރާތުގެ ޗެންޕިއަން މާއެނބޫދޫ މުޑި ޖަމްއިއްޔާ އާއި ފ. އަތޮޅު މުބާރާތުގެ ޗެންޕިއަން ދަރަނބޫދޫ ޒުވާނުންގެ ކްލަބްވެސް ވަނީ މިހާރު މުބާރާތުން ކަޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ