ފުވައްމުލަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ޏ. ފުވައްމުލަކުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެރަށު ނައިބު ތުއްތު ހިނގުން (ރިންގް ރޯޑު) ގައި ތާރު އެޅުމުގެ މަސައްކަތް އިއްޔެ ފެށިއިރު އެމަސައްކަތް ފަށާފައި މިވަނީ ޑިޒައިނިންއަށް ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށެވެ.
އެގޮތުން ޑިޒައިނިންއަށް ގެނައި ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭނުންކޮށްގެން ބޭސްކޯސް ހެދުން ކަމަށެވެ.
އެގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ އެފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫއުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
އޭގެ އިތުރުން އެ ކުންފުނިން ބުނީ ފުވައްމުލަކު ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ އެ މަގުގައި ކުރިން ތާރުއަޅާފައި އޮތް ހިސާބުން ފެށިގެން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިދިޔަ މާޗު މަހުގެ 27 ގަ އެވެ. އެގޮތުން މަޝްރޫއުގެ ދަށުން 24300 ސްކެއާ މީޓަރުގެ ރިންގު ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ވެސް ގާއިމު ކުރާނެ ކަމަށް ބުންޏެވެ.
32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެރަށު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށުގެ މަގުތަކުގައި އަޑިގުޑުންތައް ގިނަވެ އާންމުން ޝަކުވާ ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ