އެމްޑީޕީގެ ރައީސްކަމަށް ނަޝީދު ކެމްޕޭން ފައްޓަވައިފި

ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމަށް މިހާރުވެސް އެ މަގާމު ފުރުއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން އެމަނިކުފާނު އިއުލާން ކުރައްވައި ކެމްޕޭން ފައްޓަވައިފި އެވެ. އެމްޑީޕީގެ ރައީސްކަމުގެ ދައުރު މިހާރު ވަނީ ހަމަވެ، ހުސްކަމެއް އައިސްފަ އެވެ. އެއާއެކު ލީޑާޝިޕް މަގާމްތަކަށް ކުރިމަތިލުމަށް އެ ޕާޓީން ރޭ ވަނީ އިއުލާން ކޮށްފަ އެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާން ކުރައްވައި، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ތާއީދު ކުރުމަށެވެ. "އެމްޑީޕީގެ އެންމެ މެމްބަރުންގެ އަރިހުން ވަރަށް އިހުލާސްތެރިކަމާއެކު މި އެދެނީ އަޅުގަނޑަށް ތާއީދުކުރައްވާ ވޯޓު ދެއްވުމަށް،" ރައީސް ނަޝީދު ޓްވީޓްގައި ވިދާޅުވި އެވެ. https://twitter.com/MohamedNasheed/status/1183947483879133184 އެމްޑީޕީގެ ރައީސްގެ މަގާމު އިތުރުން އެޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުވެސް ވަނީ ހުސްވެފަ އެވެ. އެ ދެމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހު މެންދުރު 12:00 އަށް ވަނީ ޕާޓީއިން ހުޅުވާލައިފަ އެވެ. އިންތިހާބު އޮންނާނީ އަންނަ މަހުގެ 22 ދުވަހު އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށެވެ. ރައީސް ނަޝީދު ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން އިއުލާން ކުރެއްވިއިރު، އެ ޕާޓީގެ މެމްބަރުން ރޭއްސުރެ ގެންދަވަނީ ރައީސް ނަޝީދަށް އާ ދައުރަކަށް ކެމްޕެއިން ކުރައްވަމުން އެވެ. ރައީސް ނަޝީދަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ލިބިވަޑައިގަތީ، 33،709 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ