އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވުމުގެ ކުރިން، ހިފަހައްޓާފައިވާ އެ ގައުމުގެ އެއްވެސް މާލީ އެސެޓެއް ދޫނުކުރާނެ ކަމުގެ ސާފު ސިގްނަލެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
އާދިއްތަ ދުވަހު ބްރޯޑްކާސްޓްކުރި އެންބީސީގެ އިންޓަވިއުއެއްގައި، ހަނގުރާމަ ހުއްޓާލުމުގެ ބައެއްގެ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭން ތައްޔާރަށް ހުރިންތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ ސީދާ އެކަމަށް އިންކާރު ކޮށްފައެވެ.
ޓްރަމްޕް ބުނި ގޮތުގައި މާލީ ގޮތުން އެއްވެސް ލުޔެއް ދެވޭނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް ގާއިމުކުރެވުމުގެ ފަހުންނެވެ. އަދި އީރާނުން ރަނގަޅަށް އަމަލުކޮށް، ހެޔޮ ބަދަލުތަކެއް ދައްކަން ފެށުމުން ނޫނީ އެފަދަ ކަންކަމާ މެދު ވާހަކަދައްކަން ފެށުމުގެ ވިސްނުމެއް ނެތްކަން ވެސް އޭނާ ހާމަކުރިއެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުން އެންމެ ބޮޑަށް ބާރުއަޅަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުން، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އެ ގައުމުގެ އެތައް ބިލިއަން ޑޮލަރެއްގެ އެސެޓްތައް ދޫކުރުމަށެވެ. ނަމަވެސް އެމެރިކާގެ ޓްރެޒަރީން މިހާރު ދަނީ، އީރާނުގެ ހަމަލާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް އެ ފައިސާ ބޭނުންކުރެވިދާނެ ގޮތްތަކެއް ދިރާސާކުރަމުންނެވެ.
މީގެ އިތުރުން އީރާނުގެ ނިއުކްލިއާ މައްސަލައަށް އަލިއަޅުވާލަމުން ޓްރަމްޕް ބުނީ، އެ ގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ހުރި ސަރަހައްދުތައް އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެތަކެތި ނައްތާލަން ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި އެމެރިކާ ސިފައިން އެ ގައުމަށް ފޮނުވާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދިން ނަމަވެސް، އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ދެ ގައުމު ގުޅިގެން އެ ސަރަހައްދުތަކުން ޔުރޭނިއަމް ނެރެ ބޭރުކޮށް ނައްތާލެވޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއާ މެދު އަމަލުކުރާނެ ގޮތެއް ހޯދުމަކީ، އެމެރިކާ އާއި އިސްރާއީލުގެ ވެރިން އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އަދި އެންމެ އުނދަގޫ ހުރަސް ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ދަނޑިވަޅަކީ ސަރަހައްދީ ހަމަޖެހުމަށްޓަކައި ބައިނަލްއަގުވާމީ މެދުވެރިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ވަގުތެއް ނަމަވެސް، އެމެރިކާ އާއި އިސްރާޢީލުގެ ހަރުކަށި ވިސްނުންތަކުގެ ސަބަބުން މަޝްވަރާތަކަށް ހީނަރުކަން އަންނަމުންދާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ. ހާއްސަކޮށް އީރާނުގެ ދިފާއީ ބާރުތައް ބަލިކަށިކޮށްލުމަށް އެމެރިކާ އާއި އިސްރާއީލުގެ ވެރިން ރާވަމުންދާ ރޭވުންތަކުގެ ސަބަބުން މަޝްވަރާގެ މޭޒުން އެދެވޭ ނަތީޖާއެއް ނުކުމެދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އީރާނުގެ ސަރުކާރުން ބުނަމުންދަނީ އެ ގައުމުގެ މާލީ މިނިވަންކަމަށް ހުރަސްއަޅައި، ހިފަހައްޓާފައިވާ ފައިސާތައް ނުދީ ހިފެހެއްޓުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެމެރިކާއިން ހިންގާ އަމަލެއް ކަމަށެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި އެ ގައުމުގެ ހައްގުތައް އަނބުރާ ނުދެނީސް، އެމެރިކާ އާއި އިސްރާއީލުގެ ވެރިން ބޭނުންވާ ފަދަ ދޫދިނުންތަކެއް ނިއުކްލިއާ މައްސަލައިގައި ނުދޭނެ ކަމަށް ވެސް އީރާނުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުންތައް ބޮޑުވެ، މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އާއި އިސްރާއީލުން އަޅާފާނެ ފިޔަވަޅުތަކަކަށް މުޅި ދުނިޔެއިން ދަނީ ފާރަވެރިވަމުންނެވެ. ހަމައެއާއެކު، ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ދަނީ މި ނުތަނަވަސްކަމުގެ ސަބަބުން އިގްތިސާދީ އަދި ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކަކަށް ތައްޔާރުވަމުންނެވެ.
އެއްބަސްވުމަކާ ހަމައަށް ނުދަނީސް އީރާނުގެ ފައިސާ ދޫނުކުރާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ