ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައި މަސްމާރުކޭޓާ ހަމައަށް ހަދަނީ
އިއްޒުއްދީން ފާލަމާ ދިލާމުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނީ ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން ހުޅުއްވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ މިމަޝްރޫއު އިއުލާންކުރައްވާފަ އެވެ.ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނީ މާލޭގައި ހުންނަ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިންގާ އިމާރާތާ ހަމައަށް ކަމަށެވެ. ލޭނު އިތުރު ކުރަން މަގު ފުޅާކުރުމަށްޓަކައި، ޝީޓްޕައިލްކޮށް ފަޅުން ބައެއް ހިއްކާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.އެ ސަރަހައްދުގައި ތާރު އަޅައި ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ވެސް ނިންމި އެވެ. އެ މަސައްކަތް ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް އެމްޓީސީސީއާ ހަވާލުކުރަން ވެސް ނިންމާފައިވެ އެވެ. ނަމަވެސް، އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.މި ސަރުކާރުން ވަނީ މިހާރު ލޯކަލް މާރުކޭޓް ހުރި ތަނުގައި އާ މަސް މާރުކޭޓެއް އަޅައި، އެ ސަރަަހައްދު ވެސް ތަރައްގީ ކުރަން ނިންމައިފަ އެވެ. އަދި ގުޅީފަޅަށް ބަނދަރު ބަދަލުކޮށް، މިހާރު މާލޭ ނޯތު ހާބަރު ހުރި ސަރަހައްދު ވެސް ތަަރައްގީ ކުރަން ނިންމާފައިވެ އެވެ.ރައީސް މިރޭ ވިދާޅުވި ގޮތުގައި މާލޭގެ އެހެން ހުރިހާ މަގަކާއި ވިލިމާލޭގެ ހުރިހާ މަގެއް ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ އެވެ.މިރޭ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ މިދިޔަ ސަރުކާރުތަކުން ރަސްމީ ފާލަން ވީރާނާވެގެންދިޔައިރު ވެސް އެ ތަނަށް އަޅައިނުލިކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއު 11.7 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ