ޓްރާންސްޖެންޑާ މީހުން، އެމެރިކާ ސިފައިން މުއައްސަސާއިން ބޭރުކޮށްލަނީ
ވޮޝިންޓަން (27 ފެބްރުއަރީ 2025): އެމެރިކާ ސިފައިންގެ ތެރޭގައި އުޅޭ ޖިންސް ބަދަލުކޮށްގެން އުޅޭ މީހުން ނުވަތަ ޓްރާންސް ޖެންޑާ މީހުން 30 ބޭރުކޮށްލާނެ ކަމަށާއި އެ މީހުންނަށް ސިފައިންގެ މުއައްސަސާއިން ޖާގަ ނެތް ކަމަށް އެމެެެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނެފިއެވެ. ޕެންޓަގަންއިން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާ ސަރުކާރުން ޖިންސްގެ ގޮތުގައި މިހާރު ބަލަނީ ތަބީޢީ ގޮތުން އުފެދިފައިވާ ދެ ޖިންސް ކަމަށްވާ ފިރިހެނުންނާއި އަންހެނުންނަށް އެކަންޏެވެ. އަމިއްލައަށް އުފައްދައިގެން އުޅޭ ތިންވަނަ ޖިންސްކަމަށްވާ ޓްރާންސް ޖެންޑާ މީހުންނަކީ ނުވަތަ އަންހެނުން ފިރިހެނުންނަށް ވެގެން އަދި ފިރިހެނުން އަންހެނުންނަށް ވެގެން އުޅޭ "ޖިންސަކީ" އެމެރިކާ ބަލައިގަންނަ ޖިންސެއް ނޫނެވެ. މި ބަޔާން ގޮވާލަނީ އެމެރިކާގެ ލަޝްކަރުތަކުގައި އުޅޭ މިފަދަ މީހުން ވަގުތުން އިސްތިއުފާ ދިނުމަށެވެ. ނޫނީ 30 ދުވަހުގެ ތެރޭގައި އެމީހުން ސިފައިންގެ ތެރެއިން ބޭރުކޮށްލާނެއެވެ. މި ބަޔާނުގައިވާގޮތުން ގުދުރަތީ ގޮތުން އުފެދުމުގެ މައްސަލައަކާ ގުޅިގެން އެ މީހެއްގެ ޖިންސީ އައިޑެންޓިޓީ ގައި ޑިސްއޯޑާ އުޅޭ މީހުންނަކީ ވެސް އުސޫލެއްގެ ގޮތުން ސިފައިންގެ ތެރެއިން ފުރުސަތު ލިބޭނެ ބައެއްނޫނެވެ. އެހެން ނަމަވެސް ގުދުރަތީ ގޮތުން ނުވަތަ ޖެނެޓިކް ގޮތުން ކުރިމަތިވާ އުފުދުމުގެ މައްސަލައަކާ ގުޅިގެން އެމީހެއްގެ ޖިންސީ އައިޑެންޓިޓީ ގައި ޑިސްއޯޑާ އުޅޭ މީހުން ސިފައިންގެ ތެރެއިން ވަކިކުރާނީ ކޮންމެ މީހެއްގެ މައްސަލަ ވަކިން ބެލުމަށްފަހުގައެވެ. މިގޮތަށް ބެލުމަށްފަހު ޑިސްއޯޑަރުގެ ސަބަބުން އެ މީހަކު އަދާކުރާ އަސްކަރީ ޚިދުމަތަށް ބުރޫ ނާރާނެކަން ސާބިތު ކުރެވޭ މީހުންނަށް ސިފައިންގެ ތެރޭގައި ދެމިތިބުމުގެ ފުރުސަތު ދެވޭނެއެވެ. އެމެރިކާއަކީ ކުރިން ޖެންޑާގެ ނަމުގައި ހުޅަނގުން ގެންގުޅޭ ތިންވަނަ ޖިންސް ގަބޫލުކުރާ ގައުމެކެވެ. އެއީ ޓްރާންސް ޖެންޑާ ނުވަތަ ޖިންސް ބަދަލުކޮށްގެން އުޅޭ މީހުންނެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕްވަނީ ޓްރާންސް ޖެންޑާއަށް ފާޑުވިދާޅުވެ އެއީ ތަބީއީ ޖިންސެއް ނޫންކަމަށް ވިދާޅުވެ އެ ފަރާތްތަކަށް މަލާމާތް ކުރައްވައި އެ ކަމާބެހޭ ރިޔާސީ އަމުރެއް ވެސް ނެރުއްވާފައެވެ. މި އަމުރުގައިވާ ގޮތުން އެމެރިކާގެ ސަރުކާރާއި ރަސްމީ މުއައްސަސާތަކުން ބަލައިގަންނަ އަދި އިއުތިރާފްވާ ޖިންސަކީ ހަމައެކަނި ތަބީއީ ދެ ޖިންސް ކަމަށްވާ އަންހެނުން އަދި ފިރިހެން ޖިންސެވެ. އެ ނޫން ޖިންސެއް ބައިލައި ނުގަންނާނެކަން އެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސް ބަދަލުކޮށްގެން އުޅޭ ޓްރާންސް ޖެންޑާ އިންގެ އަދަދު އެތައް ހާހަކަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަރާތްތައް 30 ދުވަހުގެ ތެރޭގައި އެމެރިކާގެ ލަޝްކަރުތަކުން ބޭރުކޮށްލާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ