އިނގިރޭސި ރަސްކަމުން ވަކިވެ މިނިވަން ވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ސްކޮޓްލެންޑުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ

އެޑިންބާގް (11 އޮކްޓޯބަރު 2022): އިނގިރޭސި ރަސްކަމުގެ އިއްތިޙާދު (ޔުނައިޓެޑް ކިންގްޑަމް) ގައި ހިމެނޭ ސްކޮޓްލެންޑް، އިނގިރޭސި ދައުލަތުން ވަކިވުމާ ބެހޭގޮތުން ފެންނަ ނުފެންނަ ވޯޓެއް އަނެއްކާވެސް ނަގަން ބޭނުންވާ ކަމަށް ސްކޮޓްލެންޑުގެ ބޮޑުވަޒީރު ނިކޮލާ ސްޓާޖަން ވިދާޅުވެއްޖެއެވެ. ސްޓާޖަން ވިދާޅުވީ އިނގިރޭސި ދައުލަތުން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ނެގުމަށް ރާވަމުން ގެންދާކަމަށާއި ސްކޮޓްލެންޑްގެ ހައިކޯޓުން މިކަމަށް ހުއްދަ ދިނުމާއެކު ވޯޓަށް ވާންޖެހޭ ތައްޔާރީތައް ފެށިގެންދާނެ ކަމަށެވެ. ސްޓާޖަން ވިދާޅުވިގޮތުގައި އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން މުސްތަގިއްލު ގައުމަކަށް ސްކޮޓްލެންޑް ހެދުމަށް ބޭނުންވާ ރައްޔިތުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ސްޓާޖަން ގެ ޕާޓީކަމަށްވާ ސްކޮޓިޝް ނެޝަނަލް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެކަމަނާ ވިދާޅުވީ ވޯޓުގެ މައްސަލާގައި ހައިކޯޓަށް ދާންޖެހެނީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން މިމައްސަލާގައި ފެންނަ ނުފެންނަ ވޯޓު ނެގޭނެކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށެވެ. އިނގިރޭސިވިލާތުން ސްކޮޓްލެންޑް ވަކިވުމާބެހޭ ގޮތުން ސްކޮޓްލެންޑްގެ ރައްޔިތުން ދެކޭގޮތް ބެލުމަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެ ވޯޓުގައި އިނގިރޭސި ދައުލަތުގައި ސްކޮޓްލެންޑް ދެމިއޮތުމަށް 55 ޕަސެންޓް ވޯޓު ދީފައިވާ އިރު ވަކިވުމަށް ވޯޓު ދީފައިވަނީ 45 ޕަސެންޓް މީހުންނެވެ. އެދުވަސްވަރު ސްކޮޓްލެންޑަށް މިވޯޓު ނާކާމިޔާބުވީ އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ގެ ސަރުކާރާއެކު ކޯލިޝަން ހަދައިގެންއުޅުނު ލެބަރަލް ޑިމޮކްރަޓިކް ޕާޓީއާއި އިދިކޮޅު ލޭބަޕާޓީ ގުޅިގެން ހިންގި ވަރުގަދަ ކޭންޕޭންގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ. އެ ކެމްޕޭނުގައި އޭރުގެ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ކެމެރޮންގެ ކޯލިޝަންގައި ހިމެނޭ ލެބަރަލް ޑިމޮކްރަޓިކް ޕާޓީގެ ޒަޢީމް ނިކް ކްލެގް ވަނީ ސްކޮޓްލެންޑް މިނިވަންކަން އިއުލާން ކުރުމަށް ވޯޓު ދިނުމަކީ އިނގިރޭސި ދައުލަތް ވަރަށްބޮޑަށް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ މިކަން ނުކުރުމަށް ސްކޮޓްލޭންޑްގެ ރައްޔިތުންނަށް އާދޭސް ދަންނަވާފައެވެ. މީގެއިތުރުން ސްކޮޓްލެންޑްގެ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދުގައި ދެމިއޮތުން ކަމަށާއި މިނިވަންކަން އިޢްލާން ކުރުމަކީ އިނގިރޭސި ރަސްކަމުގެ އިއްތިޙާދު (ޔުނައިޓެޑް ކިންގްޑަމް) މުޅިން ބަލިކަށިވެ އަދި ބައިނަލްއަގްވާމީ މުޖްތަމައުގައި އިނގިރޭސި ދައުލަތަށް ލިބިފައިވާ ބާރާއި ގަދަރާއި މަގާމު ގެއްލިގެންދާނެ ކަމެއްކަމަށް ބުނެ އިނގިރޭސި ސިޔާސީ ފަރާތްތަކުންވެސް ސްކޮޓްލެންޑްގެ ރައްޔިތުންނަށް އަމާޒުކޮށް ވަރުގަދަ ކޭންޕޭނެއްކޮށް ޕްރޮޕަގެންޑާތަކެއް ފެތުރިއެވެ. އިނގިރޭސިވިލާތުގެ ރަސްކަމުގެ އިއްތިޙާދުގައި ހިމެނެނީ އިނގިރޭސިވިލާތުގެ އިތުރުން ސްކޮޓްލެންޑާއި ވޭލްޒް އާ އަދި އުތުރުއައިލެންޑެވެ. މީގެތެރެއިން ސްކޮޓްލެންޑް، މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ބެލުމަށް ވޯޓު ނެގީ ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްގެންނެވެ. މިހާރު ސްކޮޓްލެންޑްގެ ގާނޫނު ހަދާމަޖިލީހުން މިފަދަ ވޯޓެއް ނެގުމަށް ކުރިއަށްވުރެވެސް ބޮޑަށް ތާއީދުކުރެއެވެ. މިފަދަ ވޯޓުތަކަށް ހުރަސްއެޅޭތޯ ނޫނީ މިކަން ލަސްކުރެވޭތޯ އިނގިރޭސި ސަރުކާރު ތަކުންނާއި އިނގިރޭސިވިލާތުގެ ބޮޑު ސިޔާސީ ތިން ޕާޓީންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. މިމައްސަލާގައި މީގެ ތިން އަހަރު ކުރިން ކޮށްފައިވާ ޚިޔާލު ހޯދުމުގެ ސާވޭ ތަކަށްބަލާއިރު އިނގިރޭސި ދައުލަތުގައި ސްކޮޓްލެންޑް ދެމިއޮތުމަށް 53 ޕަސެންޓް މީހުން (ސްކޮޓްލެންޑްގެ ރައްޔިތުން) ތާއީދުކުރެއެވެ. އިނގިރޭސި ދައުލަތުން ވަކިވުމަށް 47 ޕަސެންޓް މީހުން ތާއީދުކުރެ އެވެ. މިއީ މިސާވޭގެ ތިން އަހަރު ކުރިން ކުރި ސާވޭގައި އިނގިރޭސި ދައުލަތުން ވަކިވުމަށް ތާއީދުކުރި މީހުންގެ ނިސްބަތަށްވުރެ ތިނެއް ޕަސެންޓްގެ އިތުރުވުމެކެވެ. ބައެއް ސާވޭތަކުން މިނިސްބަތް (އިނގިރޭސި ދައުލަތުން ވަކިވާން ތައީދު ކުރާމީހުންނާއި އިނގިރޭސި ދައުލަތުން ވަކިނުވާން ބޭނުންވާމީހުންގެ ނިސްބަތް) އުޅޭނީ ދާދި އެއްވަރެއްގައިކަމަށްވެސް ދައްކާފައިވެއެވެ. ސްކޮޓްލޭންޑްގެ ރައްޔިތުން އިނގިރޭސި އިއްތިޙާދީ ދައުލަތުން ވަކިވެއްޖެނަމަ ދުނިޔޭގެ ބޮޑު ފަސްބާރުގެ ތެރެއިން އެއްބާރުގެ ގޮތުގައި އޮތުމުގެ ފުރްސަތު އިނގިރޭސިވިލާތަށް ގެއްލިގެންދާނެއެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްކޮޓްލޭންޑް މިނިވަންވެއްޖެނަމަ ދުނިޔޭގެ ބޮޑުބާރެއްގެ ގޮތުގައި ދެމިއޮވެވޭވަރަށް ވުރެ މާބޮޑަށް އިގްތިސާދީ ގޮތުންނާއި އާބާދީގެ ގޮތުންނާއި އަސްކަރީގޮތުން އިނގިރޭސި ދައުލަތް ބަލިކަށިވެގެންދާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ސަލާމަތީ މަޖިލީހުގައި އިނގިރޭސިވިލާތަށް ލިބިފައިވާ ދާއިމީ ގޮނޑިވެސް މުސްތަގްބަލްގައި އިނގިރޭސިވިލާތަށް ގެއްލުމުގެ ފުރްސަތު ކުޑައެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ