ކާންޔޭ އަނެއްކާ ޓްވިޓާއިން ސަސްޕެންޑު ކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން ޓްވިޓާއިން ސަސްޕެންޑު ކުރުމަށްފަހު އަލުން އެކައުންޓު ދިނުމާއެކު އަނެއްކާ ވެސް ވާހަކަތަކެއް ދައްކައިގެން އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްލައިފިއެވެ. ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި އެންޓި ސެމިޓިކް ކޮމެންޓުތަކާއެކު ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ކާންޔޭ ވެސްޓް ދާދިފަހުން ސަސްޕެންޑު ކޮށްފައެވެ. އެ ކޮމެންޓުތަކާ ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ. މި ހުރިހާ ކަމެއް ހިނގާފައިވަނީ މަޝްހޫރު މަހުޖަނު އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް، ޓްވިޓާ ގަތުމުގެ ކުރިންނެވެ. މަސްކް ޓްވިޓާ ގަތުމަށްފަހު އެންމެ ފުރަތަމަ އަލި އަޅުވާލާފައިވަނީ "ހިޔާލު ތަފާތު ކުރުމުގެ މިނިވަން" ކަމަށެވެ. އަދި އެއީ ކޮންމެ މީހަކަށް ލިބެން ޖެހޭ ހައްގެއްކަމަށް އޭނާ ބުންޏެވެ. އެއާއެކު އެކި މައްސަލަތަކާ ގުޅިގެން އެކައުންޓު އަތުލާފައިވާ މީހުންނަށް ޓްވިޓާ އެކައުންޓުތައް ވަނީ ދީފައެވެ. މީގެ ތެރޭގައި ގައުމުތަކުގެ ނޭޝަނަލް ސެކިއުރިޓީއަށް ނުރައްކާ މީހުން ވެސް ހިމެނެއެވެ. ކޮންމެއަކަސް ކާންޔޭއަށް ޓްވިޓާ ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ މިއޮތީ އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްލާފައެވެ. ކާންޔޭގެ އެކައުންޓު މިފަހަރު ސަސްޕެންޑް ކޮށްފައިވަނީ ޓްވިޓާގައި އޭނާ، ނާޒީން ޕްރޮމޯޓުކޮށް އެޑޮލްފް ހިޓްލަރު ދިފާއުކޮށް ވާހަކަތަކެއް ދެއްކި މައްސަލަތަކެއް ފެންމަތިވެގެނެވެ. އެކަމާ ގުޅިގެން އާންމުން މައްސަލަތަކެއް ޖައްސަމުން ދަނިކޮށް ކާންޔޭގެ އެކައުންޓު ސަސްޕެންޑް ކޮށްލިއެވެ. އަދި އެކަމާ ގުޅޭގޮތުން މަސްކްގެ ސީދާ ކޮމެންޓެއް ވެސް އާންމުކުރިއެވެ. މަސްކް ފާހަގަކުރި ގޮތުގައި އަނިޔާއާ ދެކޮޅަށް އޮތް ގަވާއިދާ ކާންޔޭ ވަނީ ހިލާފުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ