ދައުލަތުން އުޅެނީ ދައުވާއިން ބޭރުން ވަކި ކަމެއްގައި ޔާމީން ފްރޭމްކުރަން: ޔަމީންގެ ވަކީލުން

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތުގައި ދައުލަތުން ފެށުނީއްސުރެ ވެސް މަސައްކަތްކުރީ ދައުވާއިން ބޭރުން ކަންތައްތަކެއް ދެއްކުމަށްފަހު އެ ކަންކަން ސާބިތުކޮށްދެވޭތޯކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފިއެވެ. ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން މިއަދު އެ މަނިކުފާނުގެ ވަކީލުންގެ ޓީމުންވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލުންވަނީ، ވަކީލުންގެ ހުރި މައިގަނޑު ކަންބޮޑުވުންތައް ކިޔައިދެއްވައިފައެވެ. އެގޮތުން ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދަން ދައުލަތުން މަސައްކަތްކުރީ "ސްކްރީން ޕްލޭ"އެއްގެ ގޮތުގައިކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ "ސްކްރީން ޕްލޭއެއް ކުރިއަށްގެންދާއިރު ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، ބައެއް ސީންތައް ހަމަ އުނިކޮށްލާނެ ފިލްމުތަކުން. ހަމަ އެގޮތަށް އުނިކޮށްލާ ސީންތަކުން މި އެނގެނީ ޝަރީއަތް ތެރޭ ދައްކާ ވަހަކަތަކާއި ތަހުގީގުކުރާ މައްސަލައާމެދު އިތުރަށް ދިރާސާކުރާއިރު ކޮބައިތޯ މި އުނިކޮށްލާ ސީންތަކަކީ،" ޝިޔާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އަދިވެސް ދައުލަތުން، ދައުލަތުގެ ހެކީންނަށް ދިން އިނާޔަތްތަކާއި، ދައުލަތާއި ހެކިވެރިންނާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރާކަމަށެވެ. އަދި އެއީ މައްސަަލައިގައި ނުފޫޒު ފޯރުވަން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވީ މުޅި މައްސަލައިގައި ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ދައުލަތުން ބަރޯސާވެފައިވާ ކަމަށެވެ. ނަމަވެސް އެއީ މައްސަލައިގައި ކުށް ކުރި މީހުންކަމަށްވާއިރު އެ މީހުންނަށް އަދަބު ނުދީ، އެ މީހުންގެ ހެކިބަހުގެ ބޭނުން ހިފުމަކީ ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ޝާހު ވިދާޅުވިއެވެ. "ދިވެހި ދައުލަތް ލޫޓުވާލި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމެއް ނެތި، ވަކި ހެކިތަކެއް، ދެ ވެރިން ހެކީންނަށް ހަދައިގެން އެ ފަރާތްތައް މެޝިން ގުޅައިގެން އެ ފަރާތްތައް ހެކިބަސް ދީގެން ވެރިކަން ހިންގާ ފަރާތްތަކުން ބޭނުންވާ ބަޔަކު ފްރޭމްކުރުމަށް ޓަކައި މި ހިންގޭ ކަމަކީ ދިވެހި ރައްޔިތުން ފާރަވެރިވާންޖެހޭ ކަމެއް،" ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ ހުކުމާމެދު ފަނޑިޔާރު ނިންމަވާނެ ގޮތެއް އެނގިނުލައްވާކަމަށެވެ. އެހެންނަމަވެސް ފަނޑިޔާރު އަދުލުވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަަޅުގަނޑު ގަބޫލެއްް ނުކުރަން ފަނޑިޔާރުން އިންސާފުވެރިނުވާނެކަމަކަށް. ފަނޑިޔާރުން ބިރުވެތިވާނީ މާތްﷲ ތައާލާއަށާއި އާޚިރަތް ދުވަހުން އެ ފަރާތަށް ލިބޭނެ އަޒާބާއި ދަރުމައަށް. މި ކަން ގަބޫލުކުރައްވާނަމަ އަދުލަށް ހުކުމް ކުރައްވާނެ،" ޝިޔާޒް ވިދާޅުވިއެވެ. https://www.sun.mv/171124 ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިދިޔަ މަހުގެ 30ވަނަ ދުވަހުވަނީ ނިންމައިލައިފައެވެ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭ އެ މައްސަލައިގެ ހުކުމް އިއްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ