ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ތަސްދީގުކޮށްފި
ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ. ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލު ރައީސް ތަސްދީގުކުރެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ. އޭގެ ފަހުން އަހަރެއްވީއިރު އެ ގާނޫނަށް މިވަނީ ފުރަތަމަ އިސްލާހު ގެނެސްފައެވެ. މި އިސްލާހުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެއެވެ. އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫން ކަމަށް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ. މި ބަދަލާއެކު ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ގެޒެޓުކުރަން ޖެހޭނީ އަންނަ އަހަރުގެ ޑިސެމްބަރު ތިނެއްގެ ކުރިންނެވެ. https://sun.mv/199819 ފިސްކަލް ޒިންމާގެ ބިލަށް ބަލާއިރު ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިފައިވަނީ މިހާރު ޢަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތާރަފުކޮށް ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. އަދި ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުމަށް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ