ސަރުކާރާއި ސަރުކާރު ހިންގާ ޕީއެންސީން ގަދަ ބާރު ދައްކާފައި މިކުރީ ކޮން ކަމެއް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލަން ގާނޫނުއަސާސީއަށް، މިދިއަ ނޮވެމްބަރު މަހު އިސްލާހު ގެނައީ އެންމެ 24 ގަޑިއިރުގެ ތެރޭގަ އެވެ. އެކަމަކު އެންމެ ފަހުން އެކަން އެވީ ތާކުންތާކު ނުޖެހޭ ތެޅުމަކަށެވެ. އެތައް ބައެއްގެ ވަގުތުތަކެއް ބޭކާރުވީ އެވެ. ބޭނުން ނެތް ފާޑުކިއުންތަކެއް އަމިއްލައަށް ސަރުކާރުން ހޯދައިގަތީ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން އޭނާ ވަކިކުރުން ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީއަށް ގެނައުމާ އެކު އެއީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނިންމުމެއް ކަމަށް، ގާނޫނީ ދާއިރާގެ އެތައް ބަޔަކު ގަބޫލުކުރި އެވެ. އޭގެ ތެރެއިން ކުރީގެ މަޖިލިސް މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވަޑައިގަތީ ސުޕްރީމް ކޯޓަށެވެ.
އަލީ ހުސެއިންގެ މުޅި ބަހުސަކީ ސިޔާސީ ޕާޓީން ވަކިކުރުމުން ނުވަތަ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވުމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިގެން ނުވާނެ ކަމަށެވެ. ރިޔާސީ ނިޒާމަކަށް ބިނާކޮށް ގާނޫނުއަސާސީ ބިނާކުރި އޮނިގަނޑު އޮތީ އެގޮތަށް ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މިދިއަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ފެށިއިރު ބަންޑާރަ ނައިބުގެ މައިގަނޑު ވިސްނުމަކީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ މަޖިލިހަށް ލިބިގެންވާ ބާރެއް ކަމާއި އެފަދަ އިސްލާހުތައް ބެލުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމެވެ. ހަތް ފަނޑިޔާރުންގެ ބެންޗުން 18 ފެބްރުއަރީގައި ނިންމީ ދައުލަތުން ނެގި މައުލޫއުއާ މެދު ގޮތެއް ނިންމާނީ މުޅި މައްސަލައާ މެދު އިއްވާ ހުކުމުގައި ކަމަށެވެ. އެހެންކަމުން އަލީ ހުސެއިން ހުށައެޅުއްވި މައްސަލަ ކުރިއަށް ގެންދަން ނންމި އެވެ.
އެހާ ހިސާބުން ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ކުޅެގަތީ ސުޕްރީމް ކޯޓާ އެވެ. ކުއްލިއަކަށް ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރި އެވެ. ސުއޫދު އަމިއްލައަށް އިސްތިއުފާ ދެއްވީ އެވެ. އަޒްމިރަލްދާ އާއި މަހާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޖިލިހުން އެ ދެ ބޭފުޅުން ބޭރުކުރީ އެވެ.
1- ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
2- މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
3- މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެ މެމްބަރު ޕާޓީން ވަކިކުރުން
4- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
ނަމަވެސް މިއަދު ޕީއެންސީން އެ ދުއްވައިގަތީ އެ ހުރިހާ ކަމެއްގެ އަސްލު ގުޅިފައި އޮތް، މެމްބަރުކަން ގެއްލޭ ގެއްލުން ބަދަލުކޮށް، އާ އިސްލާހެއް ގާނޫނުއަސާސީއަށް ގެންނާށެވެ. އެ އިސްލާހު ގެނެސްފި ނަމަ ސިޔާސީ ޕާޓީން ނިންމާ ނިންމުމަކާ އެކު މަޖިލިހުގެ މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެފަދަ ހާލަތެއް ދިމާވާ މެމްބަރަކާ މެދު ގޮތެއް ނިންމަން ދާން ޖެހެނީ އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން ކައިރިއަށެވެ. ރައްޔިތުންގެ ވޯޓަކުން އޭނާއަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ގޮނޑީ ގެއްލޭނެ އެވެ. މެމްބަރުކަމުގައ ހުންނަން އަގުލަބިއްޔަތު ލިބިއްޖެ ނަމަ، ސިޔާސީ ޕާޓީގެ ނިންމުން، 'ޖަމަލު ފޮޑިޔަކަށް' ވީ އެވެ.
ޕީއެންސީގެ މެމްބަރު ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު ހުށައެޅުއްވި އިސްލާހާ އެކު އަލީ ހުސެއިން ވިދާޅުވީ ސަރުކާރާއި ޕީއެންސީ ވެސް މިހާރު އެ ގަބޫލުކުރީ ސިޔާސީ ޕާޓީއަށް ދިން ބާރު ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.
"ރިޔާސީ ނިޒާމެއްގައި އެގޮތަށް މަޖިލިހުގެ މެމްބަރުން ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް،" އަލީ ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ސުޕްރީމް ކޯޓުން ވެސް އެ ނޫން ގޮތަކަށް ނުނިންމާނެ ކަމަށް ގަބޫލުކުރީހެން [ސަރުކާރާއި ޕީއެންސީން]."
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލިހަށް ދީފައި އޮތް ސިފައަކީ މެމްބަރުން މިނިވަންކަމާ އެކު މަސައްކަތްކުރުމެވެ. މިސާލަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ހުއްޓަސް އޭނާ ބޭނުން ނޫން ގޮތަކަށް އެ ޕާޓީގެ ކަންކަން ދާ ނަމަ ޕާޓީން ވަކިވުމަކީ، މެމްބަރަށް ލިބިގެންވާ މިނިވަންކަމެއް ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ ނިޒާމެއްގައި އޮންނަން ޖެހޭނީ އޭނާ ގަބޫލުކުރާ ޕްރިންސިޕަލްސް، މިސާލަކަށް އެމީހަކު ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ޕާޓީތަކުން ނަގަހައްޓާ ނުހަދާ ނަމަ އެމީހަކު ޕާޓީ ދޫކޮށް ދިއުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕީއެންސީން އާ އިސްލާހު ހުށައެޅީ އެ މިނިވަންކަން ނިގުޅައިގަތުމުން ޕީއެންސީގެ މެމްބަރުންގެ ތެރޭގައި ވެސް ހިތްހަމަނުޖެހުން އުފެދި، ދެބަސްވުންތައް ބޮޑުވާތީ އެވެ. އޭނާ ސިފަކުރެއްވި ގޮތުން ނަމަ "ގިނަ ދުވަސް ވީ ވަރަކަށް [ޕާޓީ ތެރޭގައި] ހިތްހަމަނުޖެހުންތައް ދާނީ ބޮޑުވަމުން"ނެވެ. އެހެންވެ އެ ފުރުސަތު ކުޑަކުރަން އިސްލާހު ހުށައެޅީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއުގެ އިސްލާހު ފާސްވެއްޖެ ނަމަ ސިޔާސީ ޕާޓީން ވަކިކުރިޔަސް މެމްބަރުކަމުގެ ގޮނޑި ގެއްލުމާއި އެ ގޮނޑި އަނެއްކާވެސް އެ މެމްބަރަށް ދިނުމުގެ ބާރު މި އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ. އެކަމަކު 20 ނޮވެމްބަރުގައި ގާނޫނުއަސާސީއަށް އިސްހާލު ހުށައަޅައި، އެ ދުވަހު ތިން ކިއުން ކިޔައި، ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް ތަޅުމަށް އަނބުރާ ގެންގޮސް އެރޭ ވޯޓުލައިގެން ފާސްކުރި އިރު ވެސް، މިހާރު ޝުޖާއު އެ ވެއްދި އިސްލާހު އެމްޑީޕީގެ މީކާއިލް އަހްމަދު ނަސީމް ހުށައެޅުއްވި އެވެ. އެކަމަކު އޭނާގެ އެ ހުށައެޅުން ޕީއެންސީގެ 77 މެމްބަރުންގެ ވޯޓާ އެކު ބޭރުކޮށްލީ އެވެ.
ސިިޔާސީ ބޮޑު ސަކަރާތްގަނޑެކެވެ. ދޭތެރެ ދޭތެރެއިން ގައުމު 'ހުއްޓެނީ' މިކަހަލަ ތާކުންތާކު ނުޖެހޭ މަސައްކަތުގަ އެވެ. އެންމެ ފަހުން ޕީއެންސީގެ ސުޕަ މެޖޯރިޓީއަށް މި ޖެހެނީ އަހަރެއްގެ ތެރޭގައި އަނެއްކާ އެ ބަދަލުގެ މައިގަނޑު ސިފަ ދުއްވާލާށެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި މި ފެންނަނީ ޕީއެންސީގެ މެމްބަރުން ވެސް އެމީހުންގެ މިނިވަންކަން ގެއްލުވާލައިގެން ނުތިބޭނެކަމުގެ ހެކިތަކެވެ. ޕާޓީ ތެރޭގައި އެ ނުތަނަވަސްކަން ބޮޑުވާ ވަރަކަށް އެ ނޫން ހައްލެއް ހޯދަން ޖެހޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.
ޝުޖާއު ހުށައެޅުއްވީ އެ ހައްލެވެ. އެކަމަކު އަލީ ހުސެއިން ހުންނެވީ އޭނާ ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނަންގަވާ ގޮތަކަށެއް ނޫނެވެ.
"އެއީ އެއަށް ވުރެ މާ ފަންޑަމެންޓަލް އަދި އުސޫލީ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިދިއަ ނޮވެމްބަރު މަހު ގެނައި މުޅި އިސްލާހާ މެދު ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުންނެވެ.
ގަދަ ބާރު ދައްކައި، ގަދަ އަޑު އިއްވާފައި މި ޖެހުނީ ކޮން ތާކު؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ