އަނބިމީހާއަށް ވަރިއަށް އެދުން ހުއްދަވާ ޙާލަތު-: ޝެއިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ
 
ކައިވެންޏކީ ފިރިހެނަކާއި އަންހެނެއްގެ މެދުގައިވާ މާތް ގުޅުމެކެވެ. އެއީ ފިރިހެނަކާއި ފިރިހެނެއްގެ މެދުގައި ނުވަތަ އަންހެނަކާއި އަންހެނެއްގެ މެދުގައިވާ ގުޅުމެއް ނޫނެވެ. މިއީ ތަބީޢީ ކަމެކެވެ. ހުރިހާ ދީންތަކެއްގައިވެސް ކައިވެންޏަކީ ފިރިހެނަކާއި އަންހެނެއްގެ މެދުގައިވާ ކަމެއްގެ ގޮތުގައި ވަނީ ބަޔާންކުރެވިފައެވެ. އަދި މުސްލިމުންނަށް މިގުޅުން ބަނދެވިފައިވަނީ މާތް ﷲގެ ނަންފުޅުގައާއި ޝަރީޢަތާ އެއްގޮތަށެވެ. އެހެންކަމުން، އެއަށް ޙައްޤު، ޝަރުޢީ ސަބަބެއް އަދި ހުއްޖަތެއް ނެތި އެ ގުޅުން ކެނޑުމަކީ ބޮޑުވެގެންވާ ކުށެކެވެ. 
މީގެ ސަބަބުން، ހާރޫތާއި މާރޫތު އެ ދެ މަލާއިކަތުން މީސްތަކުން އިމްތިޙާން ކުރެއްވުމަށް ފޮނުއްވުނު އިރު، އެ ދެބޭކަލުން ވިދާޅުވިއެވެ: "ތިޔަބައިމީހުން އަހަރެންގެ ކައިރިން ނުގަންނާށެވެ. އެހެނީ ތިޔަބައިމީހުން އަހަރެންގެ ކައިރިން ދަސްކޮށްފިނަމަ، އަހަރެން ތިޔަބައިމީހުންނަށް ސިހުރު ދަސްކޮށްދޭނަމެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުން އިސްލާމްދީނުން ބޭރުވެދާނެއެވެ. އަހަރެންނަކީ ﷲގެ ޙަޟުރަތުންވާ އިމްތިޙާނެކެވެ. އަހަރެންގެ ކައިރިން ދަސްނުކުރާށެވެ." ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި ބަޔާންވެގެންވާ ގޮތުގައި ޝައިޠާނުން އެ ދެބޭކަލުންގެ ކައިރިން ދަސްކުރިއެވެ. އެބައިމީހުން އެ ދެބޭކަލުންގެ ކައިރިން ދަސްކުރި އެއްޗަކީ ފިރިހެނަކާއި އޭނާގެ އަނބިމީހާ ވަކިކުރުމެވެ. 
މިކަމުން ދައްކުވައިދެނީ ސިހުރުގެ ނުބައިކަމެވެ. އެހާ ހިސާބަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ސިހުރުގެ ނުރަނގަޅު ނަތީޖާއެއްގެ ގޮތުގައި، އެއީ ފިރިހެނަކާއި އޭނާގެ އަނބިމީހާ ވަކިކުރާ ކަމެއްކަން ބަޔާންކުރައްވާފައެވެ. އެހެންކަމުން، ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "ޝަރުޢީ ސަބަބެއް ނެތި ވަރި އެދޭ އަންހެނަކު ސުވަރުގެއަށް ނުވަންނާނެއެވެ." މިއީ ވަރަށް ބޮޑު އިންޒާރެކެވެ. 
ވީމާ، އަންހެނަކަށް ހަމައެކަނި ޙައިޟުވެފައި ހުރުމުގެ ސަބަބުން ނުވަތަ ހަށިގަނޑަށް ތަދުވެ ނުވަތަ ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބުން "އަހަރެން ތިބާ ނޭދެމެވެ. އަހަރެން ވަރިކުރާށެވެ." މިހެން ނުބުނާށެވެ! މިއީ ޞައްޙަ ގޮތެއް ނޫނެވެ. އަދި ޝަރުޢީ ޙައްޤު ސަބަބެއް ނެތި އެކަން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އިސްލާމްދީނުގައި ޝަރުޢީ ސަބަބުތަކަކީ ކޮބައިކަން ދެމަފިރިންނަށްވެސް އެގެންވާނެއެވެ. އެޙާލަތުގައި އޮތީ އެކަމަށް ޢުޒުރުވެރިވުމެވެ. ވަރިއަށް އެދުމެއް ނޫނެވެ. 
ކުރުގޮތަކަށް ބުނާނަމަ، އަންހެނާއަށް ގެއްލުމެއް ލިބެމުންދާނަމަ، އޭނާއަށް ވަރިއަށް އެދެވިދާނެއެވެ. ކޮންކަހަލަ ގެއްލުމެއް ހެއްޔެވެ؟ ހަޤީޤީ ގެއްލުމެކެވެ. ފިރިހެނަކު ނަފްސާނީގޮތުން ބަލިވެ، އޭނާގެ އަނބިމީހާ ގެއިން ބޭރަށް ނުކުތުމަށް މަނާކުރާނަމަ، ފޯނުން އޭނާ ވާހަކަދައްކަންޖެހޭ (ދީނީ ގޮތުން) މީހަކާ ވާހަކަ ދެއްކުމަށް މަނާކުރާނަމަ، ޙަލާލު އެއްވެސް އެއްޗެއް ބެލުމަށް ނުވަތަ އިންޓަރނެޓް ޙަލާލް ގޮތުގައި ބޭނުންކުރުމަށް މަނާކޮށް، އޭނާ ހަނގުރާމައިގެ ޤައިދީއެއްގެ ގޮތުގައި ބަލާނަމަ، މިއީ ހަމަ އެކީގައިވެސް ޙަރާމް ކަމެކެވެ. މިއީ ހަޤީޤީ ގެއްލުމެކެވެ. އަދި އޭނާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ބައްދަލުކުރުމަށް މަނާކުރާނަމަ، އޭނާއަށް ވަރިއަށް އެދެވިދާނެއެވެ. 
އަދި ފިރިމީހާ ކުއްލި ކުއްލިއަށް ރުޅިއައިސް އަޚްލާޤު ހުތުރުވާނަމަ، ބަދުބަސް ބުނެ ނުކުޅެދޭނަމަ، އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް ހިތުގައި ރިއްސާނަމަ، އަބަދުވެސް އޭނާއަށް ފާޑުކިޔައި، މަލާމާތްކޮށް، އޭނާގެ ހަށިގަނޑަށް، އޭނާ ކައްކާ ކެއުމަށް އަބަދު ފާޑުކިޔައި، ގޯނާކޮށް، ބަދުބަހުން މުޚާޠަބުކުރާނަމަ، އޭނާއަށް ވަރިއަށް އެދެވިދާނެއެވެ. ފިރިމީހާ ވަރަށް ހުތުރުވެގެން އަނބިމީހާ ކައިރިއަށް އައުމާއި، އޭނާގެ މޫނަށް ބެލުމަށްވެސް ނުކުޅެދޭނަމަ، މިސާލަކަށް ޘާބިތުވެފައިވާ ޙަދީޘްއެއްގައިވާ ފިރިހެނަކު އޭނާގެ އަނބިމީހާއަށް ބެލުމަށް ނުކުޅެދި، އޭނާ ވިދާޅުވިއެވެ: "އަހަރެން ﷲ އަށް ބިރު ނުގަންނަނަމަ، އޭނާގެ ހުތުރުކަމުގެ ސަބަބުން އޭނާ ފެނުނު ކޮންމެ ފަހަރަކު އަހަރެން އޭނާގެ މޫނަށް ކުޅު ޖަހައިފީމުހެވެ." މިއީ ޝަރުޢީ ސަބަބެކެވެ. 
އޭނާގެ އަމިއްލަ ނަފްސަށް އިޙްސާސްވާނަމަ، ފިރިމީހާގެ ޙައްޤުތައް އަދާކުރުމަށް، ޖިމާޢުގެ ގޮތުން ނުވަތަ ކިޔަމަންތެރިކަމުގެ ގޮތުން، ނުކުޅެދޭކަމަށް، އަދި އެކަމުގެ ސަބަބުން އޭނާ ދީނުން ބޭރުވެ، ވަފާތެރި، ކިޔަމަންތެރި، މަޑުމައިތިރި އަނބިމީހާއެއްގެ ދަރަޖައިން ނެރެލާނެކަމަށް، އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެފަދަ ފާފައަކުން ދުރުވުމަށްޓަކައި އޭނާ ވަރިއަށް އެދޭނަމަ، އެކަން ހުއްދައެވެ. ފިރިމީހާ ނިކަމެއްޗެއް ނުވަތަ ޖިމާޢުގެ ގޮތުން އަންހެނާ ހިތްހަމަޖައްސައިދިނުމަށް ނުކުޅެދޭނަމަ، މާލީގޮތުން ޚަރަދު ނުކުރާނަމަ، އަދި އަންހެނާ މަސައްކަތްކޮށް ގެއަށް ޚަރަދުކުރާނަމަ، މިއީ ވަރިއަށް އެދެވޭ ވަރަށް ޝަރުޢީ ސަބަބުތަކެކެވެ. 
ނަމަވެސް، އެއްވެސް ސަބަބެއް ނެތި ވަރިއަށް އެދޭނަމަ، މިސާލަކަށް އަހަރެން އޭނާ ނޭދެމެވެ. އޭނާ އަހުރެން ބާޒާރަކަށް ނުގެންދެއެވެ. އޭނާ ކޮންމެ ހަ މަސް ފަހުން ގޭތެރޭގެ ތަކެތި ބަދަލުނުކުރެއެވެ. އޭނާ ޙަރާމް ގުޅުމެއް ބާއްވާކަމަށް އަހަރެންނަށް ޝައްކު ކުރެވެއެވެ. އެއްވެސް ހެއްކެއް ނެތެވެ. އެކަމަކު ހަމައެކަނި އަހަރެންގެ ހިތަށް އަރަނީއެވެ." މިއީ ހަމައެކީގައިވެސް ވަރިއަށް އެދުން މަނާކުރެވިފައިވާ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ