ލިސާން 48
"މީގެ ފަންސަވީސް އަހަރު ކުރިން، އަހަރެން އޭނަ މަރާނުލާ ދޫކޮށްލީ އެއީ އިންސިއެއްގެ ބަނޑުން އުފަންވި އިންސިއެއް ކަމުގައިވާތީ...." އިންޖާބު އެ ދިނީ ވަރުގަދަ އިންޒާރެއްކަން އެތަނުގައި ތިބި އެންމެނަށްވެސް އެނގުނެވެ. ކުރިމަތީގައި އޮތް ތޫފާނުގެ ބިރުވެރިކަންވެސް ވަޒަންކޮށްލެވުނެވެ. އިންޖާބުގެ މޫނުމަތީންވެސް މީގެ ކުރިން ނުފެންނަ ފަދަ އަސަރުތަކެއް ފެނިގެން ދިޔައެވެ. އޭނަ އެ ދައްކަނީ ރަނީމް މަރައިލާ ވާހަކައެވެ. އެކަމުން އެންމެ ނުތަނަވަސްވީ ނާވީއެވެ. ހަމައެއާއެކު ސަމްރާއާއި ރައާބިލްއާ ދެމީހުންވެސް ހާސްވިއެވެ. ރައާބިލްއަށް އިންޖާބުގެ ކުރިމަތީގައި ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެއެވެ. ވީއިރު އަމިއްލަ ދަރިފުޅު ދިފާޢު ނުކުރެވިދާނެކަމުގެ ބިރާ އެކު އޭނަގެ ހިތްވެސް ހީވީ ގެނބިގެން ދިޔަހެންނެވެ. ދަރިފުޅާ ބައްދަލުވިތާ މާ ގިނައިރެއް ނުވެ، ވަކި ވެދާނެކަމަށްޓަކައި އޭނަގެ ހިތް ބިރުން ތެޅިފޮޅެން ފަށައިފިއެވެ. އިންޖާބުގެ ދެލޮލުގައިވި ރުޅިވެރިކަން ފެނި ރަނީމްގެ ހިތް ވެސް ތެޅިލިއެވެ. އޭނައަށް އަތުގައި އޮތް އުޅާއަށް ނަޒަރެއް ދެވުމާއެކު، ރައާބިލްއަށް ބަލައިލެވުނެވެ. ރައާބިލް މިފަހަރުވެސް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލީއެވެ. ދެން ރަނީމްއަށް ބަލައިލެވުނީ ނާވީއަށެވެ. އެވަގުތު ވީ އިންޖާބު ކުރިއަށް ފިޔަވަޅެއް އަޅައިލި ވަގުތަށެވެ. އެއާއެކު ވަގުތުން ނާވީ ގޮސް އިންޖާބުގެ ކުރިމައްޗަށް އެރިއެވެ. އޭނަ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. "އަހަންނަށް ހުރަސް އަޅަނީތަ؟" އިންޖާބު ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. "އަޅުގަނޑު ހުއްޓާ ކާފަ ރަނީމްއާ ގާތަށް ދިޔަޔަކަ ނުދޭނަން. ކޮންމެ ޙާލެއްގައިވެސް އޭނަ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ އަޅުގަނޑު ވެފައިވާ ވަޢުދެއް." ފުރަތަމަ ފަހަރަށް އިންޖާބުގެ ކުރިމަތީގައި ސާބިތުކަމާއެކު ނާވީ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އޭނަ ވާހަކަ ދެއްކީ ރީތިކޮށެވެ. އަދަބު އިޙްތިރާމާއެކުގައެވެ. އޭނަގެ ފުރާނަ ހުރިހާ ހިނދަކު އިންޖާބަށް ރަނީމްއާ ގާތްވާކަށް ނުކެރޭނެއެވެ. ނާވީއަށް ބަލަން ހުރި އިންޖާބު ރަނީމްއަށް ބަލައިލުމަށްފަހު، ލޮލުން ކޮށްލި އިޝާރާތާއެކު، ރަނީމްގެ ގައިން ފާޑެއްގެ ދިލައެއް ނަގަން ފެށިއެވެ. އޭނައާއި އިންޖާބުގެ ހަތަރު ކަޅި ހަމަވި ވަގުތު ހަށިގަނޑުގައި އުފެދުނީ ތޫނު ރިހުމެކެވެ. ހީވީ އެތެރެ ހަށި ކަފާ ކުދި ކުދި ކުރަން ފެށިހެންނެވެ. ރައާބިލް ހަޅޭއްލަވައިގަތެވެ. އޭރު ގައިގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވޭ ޙާލު ރަނީމް ޓައިލްސްތަކު މަތީގައި ގުދުވެގެން އޮތެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށް އޭނައަށް ވަނީ ކެތްކުރަން ދަތިވިއެވެ. "ކާފާ..." ނާވީ މީގެ ކުރިން އިންޖާބަށް ނުގޮވާހާ ބާރަކަށް ގޮވައިލިއެވެ. އެއަށްފަހު، އޭނަވެސް ރަނީމްއާ ދިމާލަށް ދާންވެގެން އުޅުނެވެ. އިންޖާބު ނާވީއަށް ވެސް ހަމަލާދިނެވެ. އެހެންނަމަވެސް ގެއްލުން ނުވާވަރު ބަލައިގެންނެވެ. ވަގުތުން ޝައިސްތާއަށް ރޮއިގަނެވުނުއިރު ނަމީރަށްވެސް އިންޖާބަށް ބަލައިލެވުނެވެ. ހަލަބޮލިވަމުން ދިޔަ މާހައުލަށް ބަލަން ހުރެފައި ގޮސް މިފަހަރު އިންޖާބުގެ ކުރިމައްޗަށް އެރީ ބަތީލާއެވެ. އިންޖާބު އައި ރުޅީގައި ބަތީލާއާ ދިމާލަށް އަތް މަޅައިލަން އުޅެފައިވެސް މަޑުޖެހިލިއެވެ. "ދުރަށް ދޭ..." އޭނަ ބުނެލިއެވެ. ހީވީ ބަތީލާއަށް އަނިޔާކުރަން ބޭނުން ނުވާހެންނެވެ. ނާވީ ވެއްޓުނުތަން ފެނި ރަނީމް އޭނަގެ އަތުގައި އޮތް އުޅާ ވަކިކޮށްލުމާއެކު، ހަޅޭއްލަވައިގަތީ އޭރުވެސް އޭނަގެ ގައިގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވުނު ފަދައަކުންނެވެ. އެވަގުތު މުޅިތަނަށް ނޫ އައްޔެއް ފެތުރިގެން ދިޔުމާއެކު އެމީހުން އެންމެންގެ ލޮލަށްވެސް އުނދަގޫ ވާގޮތްވިއެވެ. އިރުކޮޅެއްގެ ތެރޭގައި އެ އަލި ފަނޑުވި ނަމަވެސް، އޭރުވެސް އެތަނުގައި ފާޑެއްގެ ކުރި ކުދި އަލިކޮޅުތަކެއް ވައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެއީ ރައާބިލްގެ ފަރާތުން އައި ބާރެއް ނޫންކަން އެންމެނަށްވެސް އެނގުނެވެ. އިންޖާބަށް ވެސް ކުޑަ ހިނދުކޮޅަކަށް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް ބަލައިލެވުނީ ރަނީމްއަށެވެ. ގުދަށް އޮތް ރަނީމް އިސް އުފުލައިލިއިރު، އޭނަގެ ކަޅުކުލައިގެ ލޮލުގެ ކުލަވަނީ ބަދަލުވެފައެވެ. އެ ލޮލުގައި މިހާރުވަނީ ނޫކުލައިގެ ވިދުމެކެވެ. ހަމައެއާއެކު، ހުޅުވިފައި އޮތް ރަނީމްގެ ވަރައަށްވެސް އިންޖާބަށް ބަލައިލެވުނެވެ. އެއީ މީގެ ކުރިން އޭނައަށް ފެނިފައިވާ ފަދަ ވަރައެއް ނޫނެވެ. އިންޖާބު އެކަންޏެއް ނޫނެވެ. އެތަނުގައި ތިބި އެންމެންގެ ނަޒަރުވެސް ވަނީ ރަނީމްއަށް ހުއްޓިފައެވެ. ރަނީމްއަކީ އިންސާނެއް ނޫންކަން އެނގޭތީ ޝައިސްތާއާއި ނަމީރުގެ މޫނުމަތީން މާ ބޮޑު ހައިރާންކަމެއް ނުފެނުނު ނަމަވެސް ބަތީލާ ހުރީ ހައިރާންވެފައެވެ. "މިހެން ކިހިނެއްވާނީ؟ އޭރު މި ކަހަލަ އެއްވެސް އަސަރެއް އޭނަގެ ކިބަޔަކުން ނުފެނުނު." އިންޖާބަށް ހިތާ ހިތުން ވާހަކަ ދެކެވުނެވެ. ކިތަންމެ ހައިރާންކަން ފޮރުވަން ބޭނުންވި ނަމަވެސް އެކަންވެސް އޭނައަކަށް ނުކުރެވުނެވެ. އެމީހުންނަށް ހެދުނީ ކޮން ގޯހެއްބާއޭ އިންޖާބުގެ ހިތަށް އަރަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނަގެ ނަޒަރު ހުއްޓުނީ ރަނީމްގެ އަތުން އޭނަ ވަކިކޮށްލި އުޅާއަށެވެ. އެއާއެކު އިންޖާބުގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. ކޮންމެވެސް ވަރަކަށް ވެގެން އުޅޭގޮތް އޭނައަށް ރޭކާލާން ފެށިއެވެ. "މީތަ ކަލޭ ކުރި ކަމަކީ؟ ކަލޭ ހީކުރީ އަހަރެމެންގެ ކިބައިން އޭނަ ސަލާމަތްކުރެވޭނެ ކަމަށްތަ؟" އިންޖާބު ރުޅި ގަދަވިއެވެ. ރަނީމް އިންތަނުން ތެދުވެގެން ގޮސް ނާވީގެ އަތުގައި ހިފައްޓާ އޭނަ ނެގިއެވެ. ހަމަޖެހިލުމުން، އޭނަގެ ވަރަވެސް ފަނޑުވަމުން ގޮސް ގެއްލިއްޖެއެވެ. އަދި ލޮލުގެ ކުލަވެސް އިހު ހުރިގޮތަށް ބަދަލުވެއްޖެއެވެ. ފެންނަމުން ދިޔަ މަންޒަރުން އަޖައިބުވި ނަމަވެސް، އޭނަގެ ރުޅިވެރިކަން އެއްފަރާތް ކޮށްލާކަށް އިންޖާބު ބޭނުމެއް ނޫނެވެ. އޭނަ ބޭނުންވަނީ އަދިވެސް ރައާބިލްއާ ރަނީމްއަށް ގެއްލުން ދޭށެވެ. އަނިޔާވެރިވާށެވެ. ރަނީމްއަކީ ކޮންކަހަލަ މީހެއްކަން އެނގުމުން އަދި ވަކީން ބޮޑަށް އެގޮތަށް އަމަލުކުރަން އޭނަ ބޭނުންވިއެވެ. މީގެ ކުރިން އޭނަ ރަނީމް ދޫކޮށްލުމަކީ ހެދުނު ގޯހެއްކަމުގައި އިންޖާބުގެ ސިކުނޑި ދިޔައީ އޭނައަށް ވިސްނައިދެމުންނެވެ. މި ނޫނީ އޭނަ އެފަދަ ބޮޑު ގޯހެއް ދުވަހަކުވެސް ހަދާފައެއް ނުވެއެވެ. އަމިއްލަ ނަފްސާމެދު ގަތް ލަދު ކިތަންމެ ހާވެސް ބޮޑެވެ. ވީއިރު އޭނަގެ އަމިއްލަ ހިތަށް ހަމެޖެހުމެއް ލިބެން އޮތީވެސް އެ ދެމީހުން މަރާލައިގެންނެވެ. އިންޖާބުގެ ކުރިމައްޗަށް އަނެއްކާވެސް އެރީ ނާވީއެވެ. "ރަނީމްގެ ހަޤީޤަތް އެނގުނީމަވެސް، އަދިވެސް ގޮތްދޫކުރާކަށް ނުވޭތަ ކާފާ؟" ނާވީ އިންޖާބުގެ ދެލޮލަށް ބަލަހައްޓައިގެން ހުރިއިރު، އެ ދެލޮލުގައިވަނީ އާދޭހުގެ އަސަރެވެ. އޭނަ އިންޖާބާ ތަޅާފޮޅާކަށް ބޭނުމެއް ނޫނެވެ. އަދި އިންޖާބާ ދެކޮޅުވާކަށްވެސް ނޭދެއެވެ. އިންޖާބަކީ ބާރުގަދަ މީހެކެވެ. އެހެންނަމަވެސް އޭނަވެސް ވަކި ދުލެއް ނުކުރާނެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން އޭނަ ރަނީމް ހިމާޔަތް ކުރާނެއެވެ. ކޮންމެ ފަދަ ޙާލަތެއްގައިވެސް އޭނަ ރަނީމްއަށް ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ. އަމިއްލަ ނަފްސަށް ވީ ވަޢުދަށް އޭނަ އަބަދުވެސް ކަމޭ ހިތާނެއެވެ. "އޭނައަށް ދުނިޔޭގަ ހުރުމުގެ އެއްވެސް ހައްޤެއް ނެތް. މީގެ ކުރިން މި ހަޤީޤަތް އެނގުނު ނަމަވެސް ކަންތައް ކުރާނީ ހަމަ މިހެން. އަހަރެމެންގެ އުސޫލުތަކުގެ ބޭރުން ކަންކުރުމުގެ ހައްޤެއް އެއްވެސް މީހަކަށް ނޯންނާނެ." އިންޖާބު ހީވަނީ ބުއްދި ގޯސްވެފައިވާ މީހެއް ހެންނެވެ. އޭނަގެ ހިތުގައިވަނީ އަނިޔާވެރިވުމުގެ ރޫހެވެ. "އިންޖާބު... އެއީ އިންސިއެއް ނޫން. ވީއިރު ނާވީ ގުޅޭނީ އިންސިއަކާ ނޫން... ހަމަ އަހަރެމެންގެ ނަސްލުގެ މީހަކާ..." ބަތީލާ ކުރިއަށް ޖެހިލިއެވެ. އޭނަގެ ހިތަށް އަސަރުކުރީއެވެ. އޭނައަކީ އަބަދުވެސް ހިތްތިރި އޯގާތެރި، މަޑުމައިތިރި މީހެކެވެ. އެހެންމީހުންގެ އިޙްސާސްތައް ދަންނަ އެ އިޙްސާސްތަކަށް ކަމޭހިތާ މީހެކެވެ. "އެހެންވިޔަސް އެއީ މިހިރަ ރައާބިލްގެ ދަރިއެއް. އަދި އެ އޮތް އިންސިގެ ދަރިއެއްވެސް މެ." އިންޖާބު ބުންޏެވެ. އެއާއެކު ބަތީލާގެ ނަޒަރު އެނދުގައި އޮތް ސަމްރާއަށް ހުއްޓުނެވެ. ކެނޑިނޭޅި ރޮމުން ދިޔަ ސަމްރާގެ ހަށިގަނޑުގައިވި މަޑުމަޑު ތުރުތުރު އެޅުންވެސް އޭނައަށް ފާހަގަކުރެވުނެވެ. އޭނަގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ. ސަމްރާއަށް އެ ޙާލަތު ކުރިމަތިވީ މީގެ، ފަންސަވީސް އަހަރުކުރިންކަން ފަހުމްވި ހިނދު އޭނަގެ މެއަށް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. ސަމްރާއާ ދިމާލަށް ފިޔަވަޅެއް އަޅައިލި ހިނދު، ސަމްރާ ބިރުން ތެޅި ފޮޅެން ފެށިއެވެ. އެއާއެކު ބަތީލާ ވަގުތުން ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. "ކުރިމަތިން ދުރަށް ދޭ ނާވީ..." އިންޖާބު އަނެއްކާވެސް ބުނެލިއެވެ. ވަގުތުން ނާވީ ދެކޮޅު ހެދިއެވެ. އިންޖާބުގެ ރުޅިގަނޑު މައިތިރި ނުވާ ހިސާބަށް ދިޔައީ އެތަނުގައި އޭނަގެ އަޑު އަހާނެ އެކަކުވެސް ނެތްކަން ޔަޤީންވީމައެވެ. އޭނައަށް ނަފްސު އަމިއްލަ މީހާ ބާރުގެ ދަށަށް ގެނައުމަކީ އުނދަގޫ ކަމަކަށްވެގެން ދިޔަހިނދު، ނާވީއަށް ވެސް އަނިޔާވެރިވެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފަހަތަށް ޖެހެން މަޖުބޫރުވީ އޭނައާ ނާވީގެ ދެމެދަށް ވަތް ރަނީމް ފެނިފައެވެ. ރަނީމް އޭނާގެ ހަށީގައި ހުރިބާރެއް ލާފައި އިންޖާބުގެ އަތް ދުރުކޮށްލަން އުޅުނެވެ. އެހެންނަމަވެސް، އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކިތަންމެ ބާރު ގަދަ ނަމަވެސް، އޭނައަށް ރަނގަޅަށް އެބާރުތައް ބޭނުން ކުރާކަށް ނޭނގެއެވެ. "ރަނީމް... ދުރަށް ދޭ..." ރަނީމްއަށް ގެއްލުން ވެދާނެކަމުގެ ބިރަށް ނާވީ ނޭވާ ހަމައަކަށް އަޅުވަމުން ބުނެލިއެވެ. އޭނަ ގުދަށް އޮވެފައި، ތެދުވަން މަސައްކަތްކުރަމުން ރަނީމްގެ އަތުގައި ހިފާ އޭނަގެ ފަހަތަށް ގެނެވޭތޯ މަސައްކަތްކުރަން ފެށިއެވެ. "ނާވީ... ނާވީ....." ރަނީމް ނާވީގެ އަތުގައި ހިފައްޓައިގެން ހުރެ ކިޔަމުން ދިޔައެވެ. "ނުދާނަން... ކީއްވެތަ ނާވީއަށް އޭނަ އަނިޔާވެރިވަނީ؟ އަހަންނާ ހެދިތަ؟ ނާވީ އަހަރެން ދޫކޮށްލާފަ ދޭ... އަހަރެން ބޭނުމެއް ނޫން ނާވީއަށް ދެރަގޮތެއް ވާކަށް." އިންޖާބަށް އަވަސް ނަޒަރެއް ދީފައި، ރަނީމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ބައްޕަ ކިޔައިދީފައިވާ ވާހަކަތަށް ހަނދާންވުމުން އޭނައަށް އަމިއްލަ އެދުން އިސްކުރަން ނުކެރުނީއެވެ. ނާވީ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް މެއެވެ. އެމީހުންނަކީ އަނިޔާވެރި ބައެކެވެ. ބައްޕައަށް ލިބުނު ފަދަ އަނިޔާއެއް އޭނަ ނާވީއަށް ލިބެން އެދޭނީ ކިހިނަކުން ހެއްޔެވެ؟ ލޯތްބަކީ އަބަދު ލޯބިވެރިޔާ ހާސިލްކުރެވުމެއް ނޫނެވެ. އެއީ އަނެކާގެ ރައްކާތެރިކަމަށް އިސްކަން ދިނުމެވެ. އަމިއްލަ ހިތަށް އަނިޔާ ދީގެންވެސް އަނެކާ ހިމާޔަތްކުރުމެވެ. މިއަދު އޭނަގެ ފަރާތުން ނާވީއަށް ގެއްލުމެއް ލިބިއްޖެނަމަ އަމިއްލަ ނަފްސަށް ދުވަހަކު މާފެއް ނުކުރެވޭނެއެވެ. "ނޫން. ނޫން ރަނީމް... އަހަރެން ރަނީމްއާ ގުޅުނީ މިކަމުގައި ހުރި ނުރައްކާތެރިކަން އެނގިހުރެ. ފަހަރުގައި މީ މިކަން ހިނގަން އަހަރެން ބޭނުންވި ގޮތް ކަމުގައި ނުވެދާނެ. އެކަމަކު އަހަރެން ރަނީމްއާ އެންމެ ފުރަތަމަ ގުޅުނުއިރުވެސް... ރަނީމްގެ ހަޤީޤަތް ނޭނގޭއިރުވެސް އަމިއްލަ ނަފްސަށް ވަޢުދުވީ ދުވަހަކުވެސް ފަހަތަށް ނުޖެހޭނެކަމަށް. އެވަޢުދު އަހަރެން ފުއްދާނަން..." ނާވީ ހަމަ އިސްކޮޅަށް ތެދުވެލާ ރަނީމްއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭނަގެ ދެލޮލުން ފެނުނީ ސާބިތުކަން ނަމަވެސް، އެވަގުތު ފެންކަޅިވަމުން ދިޔަ ރަނީމްގެ ދެލޮލުން އޭނައަށް ނާވީ ފެނުނީ ފުސްކޮށެވެ. ނުރޯށޭ ބުނާފަދައަކުން ނާވީ ދެފަރާތަށް ބޯ ހޫރާލާފައި ރަނީމްގެ ކަރުނަތައް ފުހެދިނެވެ. "އަހަރެން ބޭނުމެއް ނޫނޭ ބައްޕަ ގޮތަށް އެމީހުން ނާވީއަށް އަނިޔާވެރިވާކަށް. ބައްޕަގެ ވަރަ އަންދައިލި ގޮތަށް ނާވީގެ ވަރަ އަންދައިލާކަށް." ރަނީމްގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. "މިކަމުގައި ހުރި ހުރަސްތަކާ ނުރައްކާ... ނާވީއަށް ފެނޭތަ އަހަރެންގެ މަންމަ އަށް ބަލާލަބަލަ... ފަންސަވީސް އަހަރުވީ މަންމަ އެވޭނުގައި ތެޅި ފޮޅޭތާ... ނާވީ ދޭ... އަހަރެން މީ ލޯތްބަށްޓަކާވެސް އަމިއްލަ އެދުން އެހާ ބޮޑު މީހެއް ނޫން... ހެޔޮނުވާނެ ދޭ... ނާވީގެ ޢާއިލާއާއެކު ދޭ... އަހަރެން ކުރިން އުޅުނުހެން އަހަރެންގެ މަންމައާ އެކު އުޅެފާނަމޭ..." ރަނީމްއަށް ރޮވެނީއެވެ. އޭނަ ވަނީ ނާވީއަށް ގެއްލުމެއް ވެދާނެތީ ހާސްވެފައެވެ. އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރު ފެނިފައި އިންޖާބުގެ ނިތަށް އަރާފައިވާ ރޫތައްވެސް ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ. ނާވީއަށްޓަކައި އެ އަންހެން ކުއްޖާ ހާސްވެފައިވާ މިންވަރު ފެނިފައެވެ. އެހެންނަމަވެސް، އެއީ އެކަން ވާން ޖެހޭނެ ގޮތް ނޫންކަމުގައި އިންޖާބު އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އޭނައަކީ އުސޫލުތަކުގައި ހިފައްޓާ މީހަކަށް ވާން ޖެހޭނެއެވެ. އެހެން ނޫނީ އެ މީހުންގެ ތެރޭގައި އޭނަގެ ޤަދަރު ކުޑަވެދާނެއެވެ. އޭނަ ވާން ޖެހޭނީ އަބަދުވެސް އެހެން މީހުން ޖެހިލުންވާވަރުގެ މީހަކަށެވެ. "ކަލޭ ހީކުރީ އެހިސާބުން މިކަންތައް ނިމޭނެ ކަމަށްތަ؟ ކަލޭއާ ކަލޭގެ ބައްޕަ އަދަބުން ސަލާމަތް ވާނެކަމަށްތަ؟" އިންޖާބު ގޮތް ދޫކުރަން ބޭނުން ނުވާފަދައެވެ. "އަހަރެން ޤަބޫލުކުރަން ރައާބިލް ކުރީ ކުށެއްކަން. އެކަމަކު މިހިރަ އަންހެން ކުއްޖާ. އޭނަގެ އޮތީ ކޮން ކުށެއް؟ ކުށެއް ނެތް މައުސޫމް މީހަކަށް އަނިޔާވެރިވުމަކީ އިންޖާބަށް ހަމަ އެހާ ފަސޭހަ ކަމަކީތަ؟" އެމީހުންގެ ވާހަކަތަށް އަޑު އަހަރެން ހުރި ބަތީލާ އަނެއްކާވެސް ބުނެލިއެވެ. އެންމެފަހުން އޭނަވެސް އިންޖާބާ ކުރިމަތިލީއެވެ. ނާވީމެންގެ ދިފާޢުގައި ވާހަކަ ދައްކަން ފެށީއެވެ. އޭނަގެ ފަހަތުގައި ތިބި ޝައިސްތާއާ ނަމީރުވެސް އެކަމަށް އެއްބަސްވިއެވެ. "އަހަރެންގެ ބައްޕަ ދޫކޮށްލާ... އިތުރަށް އަނިޔާވެރިނުވޭ. މި ދިޔަ ފަންސަވީސް އަހަރު ކުރި އަނިޔާއިން އަދިވެސް ނުފުދެނީތަ؟" ރަނީމް ވެސް ވާހަކަ ދެއްކިއެވެ. "ހެޔޮނުވާނެ އަހަރެމެން އަހަރެމެންގެ ޙާލަށް ދޫކޮށްލާފަ ދޭ... ތިއިން އެކަކަށްވެސް އަހަރެމެންގެ އުނދަގުލެއް ނުޖެހޭނެ." ރަނީމް ވާހަކަ ދައްކަމުން ދިޔައެވެ. "ނާވީ... ނާވީއަށް އަނިޔާވެރިނުވޭ..." "އަމިއްލަ ނަފްސާ ކަލޭގެ ޢާއިލާއާ މެދު ކަންބޮޑުވެބަލަ." އިންޖާބު ބުންޏެވެ. ސަމްރާގެ އަތުގައި ހިފައްޓާލައިގެން އިން، ރައާބިލްއަށްވެސް އެއްޗެއް ނުބުނެ ނީނދެވުނެވެ. އިންޖާބުގެ ހިތް ހަރުކަން އޭނައަށްވުރެ ބޮޑަށް ތަޖުރިބާކުރި އެހެން މީހަކު ނުހުންނާނެއެވެ. މީހަކު ކުރާ އާދޭހަކުން، އަޅާ ކަރުނައަކުން އިންޖާބުގެ ހަރު، ހިލަ ހިތަށް އަސަރެއް ނުކުރާނެއެވެ. އޭނަ ނަމީރަށްވެސް ބަލައިލިއެވެ. ރައާބިލްއާ ނަޒަރު ސީދާވެލިހަން ހީނުވެ، ނަމީރު އިސްޖަހައިލިއެވެ. "ދަރިފުޅާ. ތީ ބޭކާރުކަމެއް. އޭނައަކީ އެއަށްވުރެ ބޮޑާ ކިބުރުވެރި މީހެއް. ކޮންމެ ފަދަ ދަރަޖައަކަށްވެސް އަނިޔާވެރިވާކަށް ފަހެއް ނުޖެހޭނެ. އަދި ތިތިބަ މީހުންގެ ތެރެއިން މީހެއްގެ ފަރާތުން އޯގާތެރިކަމަށް އެދުމަކީވެސް ހެދޭ ގޯހެއް. ތިތަނުގައި އަމިއްލަ އެދުން އިސްނުކުރާނެ ހަމަ އެކަކުވެސް ނެތް... " ރައާބިލް ބުނެލި އެވެ. "ތި އެންމެން ބޭނުންވަނީ ކޮން ކަމެއްތަ؟ އަހަރެމެންގެ ކިބައިން ތި ހިފަނީ ކޮންކަމެއްގެ ބަދަލުތަ؟" ރަނީމްއަށް ބުނެވުނެވެ. ނާވީ އޭނަގެ އަތުގައި ހިފައްޓައިލުމާއެކު، ރަނީމް އެ އަތް ދުރުކޮށްލިއެވެ. އިންޖާބު ރަނީމްއަށް ގެއްލުން ދޭންވެގެން އުޅުނު ވަގުތު، ނާވީ ކުރިމައްޗަށް އެރިއެވެ. އެ ހަމަލާ އަމާޒުވެ، ނާވީ ގޮސް ފާރުގައި ޖެހުނެވެ. "ނާވީ... " ރަނީމްއަށް އެހިނދު އެއްވެސް ކަމަކާ މެދު ވިސްނޭގޮތެއް ނުވިއެވެ. އޭނަ ނާވީއާ ދިމާލަށް އެނބުރިލިއެވެ. އިންޖާބުގެ ހަމަލާއަކަށް ސަމާލުވެގެން ހުރި ރައާބިލް އެކަމަށް ހުރަސް އަޅަން އުޅުނު ނަމަވެސް، އިންޖާބުގެ ލޮލުގެ އިޝާރާތާއެކު ރައާބިލްއަށް ގުޑިއެއް ނުލެވުނެވެ. "ކަލޭމެންގެ ތިހިރަ ދަރި އަހަރެން އަންދާލާނީ ކަލޭމެން ދެމީހުންގެ ކުރިމަތީގައި..." އިންޖާބު ރައާބިލްއާ ސަމްރާއަށް ބުނެލިއެވެ. ނަވީގެ ގާތުގައި އިން ރަނީމްއަށް ބަލައިލާފައި، ހަމަލާ ދޭން އުޅުނު ވަގުތު އެ ދެމެދަށް ވަދެ މިފަހަރު އެކަމަށް ހުރަސް އެޅީ ނަމީރެވެ. އިންޖާބު ހުށިއާރުކަމާއެކު، ހަމަލާ އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރިނަމަވެސް، ނަމީރަށް އަނިޔާވިއެވެ. އިންޖާބުގެ ހަމަލާ އަމާޒުވީ އޭނަގެ ބުރަކަށީގެ އެއްފަރާތަށެވެ. ހަމައެއާއެކު އޭނަގެ ބުރަކަށިން ދުންއަރަން ފެށިއެވެ. އަދި އަޑު ފައްގަނޑެއް ކިޔާލި ގޮތުން ހީވީ އެއްޗެއް ތެއްލަން ފެށިހެންހެންނެވެ. އެ ދުންތަކާ އެކުވެގެން، ފެހިނޫ އައްޔެއް އަރަން ފެށިއެވެ. އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވުނު، ނަމީރު ހުރިތަނަށް ތިރިވަމުން ދިޔައެވެ. ބަތީލާއާ ޝައިސްތާއާއި، ނާވީއަށް ވެސް ބާރަކަށް ނަމީރަށް ގޮވައިލެވުނެވެ. "ނަމީރު..." ހަމައެއާއެކު، އިންޖާބުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމީރު ފަހަރެއްގައިވެސް އެ ހަމަލާއަށް ނުބަލާ އެގޮތަށް ކުރިމައްޗަށް އަރާފާނެ ކަމަށް އޭނައަށް އުންމީދު ކުރެވިފައެއް ނުވެއެވެ. ވަނީ ކީއްކަން އިންޖާބަށް އެނގުނެވެ. އޭނަ އައިސްފައި ހުރި ރުޅިއަށް ވީ ކީއްކަމެއް އިންޖާބަކަށް ވެސް އެހިނދު ނޭނގެއެވެ. ކިތަންމެ ރުޅި އައިނަމަވެސް، އެފަދަ ބޮޑު ގެއްލުމެއް އާއިލާގެ މީހަކަށް ދިނުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. ކުދި ކުދި އަނިޔާ ދީގެން ވެސް އޭނަ ބަލަނީ އެމީހުން އޭނަގެ ބަހަށް ކިޔަމަން ކުރުވޭތޯއެވެ. "އިންޖާބު! ކީއްތަ ތިކުރީ... ނަމީރު..." ބަތީލާއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނައަށް ގޮސް ނަމީރުގެ ކައިރީގައި ކުޑަކަކޫ ޖަހާލާފައި އިށީނދެވުނެވެ. އޭނައަށް ރޮވެން ފެށުނެވެ. ޝައިސްތާގެ ޙާލަކީވެސް އެއީއެވެ. ވަމުން ދިޔައީ ކީއްކަން އެމީހުން އެންމެންނަށްވެސް އެނގެއެވެ. ރައާބިލްއަށް ވެސް މެއެވެ. އާއެކެވެ. ނަމީރުގެ ވަރަ އަނދަނީއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ