ޔޫކޭ ދަތުރުފުޅަށް ފަހު، ނަޝީދު ކަރަންޓީނުވެ ވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ޔޫކޭއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ވިދާޅުވީ ނަޝީދު ޔޫކޭއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މިހާރު ހުންނެވީ ކަރަންޓީނުވެ ވަޑައިގެން ކަމަށެވެ. އެޗްޕީއޭގެ އުސޫލު އޮންނަ ގޮތުން، ރާއްޖެއިން ބޭރުން، ރާއްޖެ އަންނަ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހެއެވެ.
މީގެ ކުރިން ރައީސް ނަޝިދު ނުރަސްމީ ދަތުރުފުޅެއްގައި ޔޫކޭއަށް ވަޑައިގެންފައި ވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު ރައީސް ނަޝީދު ޔޫކޭއަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، ލައިލާގެ ކައިވެންނަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށެވެ. ނަޝީދާއި ލައިލާގެ ކައިވެންޏަށް އަހަރު ފުރޭ ދުވަހަކީ މާޗު މަހުގެ 13 ވަނަ ދުވަހެވެ. އަދި އޭރު ޔޫކޭގައި ހުންނެވުމަށްފަހު ނަޝީދު ރާއްޖެއަށް ވަޑައިގެންފައި ވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ދުވަސްވަރަކީ ރާއްޖެއަށް ބޭރުގެ ބައެއް ގައުމުތަކުން އަންނަ މީހުން ކޮވިޑަށް ޓެސްޓު ކުރަން ފަށާފައިވާ ދުވަސްވަރެކެވެ. އަދި ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެން ފަހުން ޔޫކޭއިން ރާއްޖެއަށް އައި ބައެއް ދިވެހިން ޕޮޒިޓިވްވުމާ ގުޅިގެން ވަނީ ޔޫކޭއިން ރާއްޖެއަށް ވަކި މުއްދަތެއްގައި އައި މީހުން ކޮވިޑަށް ޓެސްޓުކޮށްފައެވެ. އެ ގޮތުން މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު އެމަނިކުފާނުގެ ކޮވިޑް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްކަން އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މިފަހަރު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކަރަންޓީނު ފުރިހަމަ ނުކޮށް ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެންނެވި މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޝާހިދު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އެޗްޕީއޭއިން ބުނާއިރު، ރަސްމިއްޔާތުގެ ފޮޓޯތަކުން އޭނާ އުސޫލުތަކާ ހިލާފުވެފައިވާކަން ފާހަގަ ކުރެވެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިންނާ ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ