އެމްޓީސީސީގެ ސާފު ފައިދާ މިދިޔަ އަހަރު 55 ޕަސެންޓް އިތުރު

އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފު ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 55.57 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެމްޓީސީސީން ވާޗުއަލްކޮށް މިއަދު ބޭއްވި މިދިޔަ އަހަރުގެ އަަހަރީ އާއްމު ޖަލްސާގައި ފާސްކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 53.31 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ 1.15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން ލިބުނު ފައިދާ އެވެ. ވިޔަފާރިއަށް އެ ކުންފުނިން ހަރަދުވި ފައިސާ މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ދަށްވެފަ އެވެ.
އިމާރާތްކުރުމާއި ބަނދަރު ހެދުން އަދި ކަނޑުގެ އުޅަނދު ފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތްދޭ އެ ކުންފުންޏަށް މިދިޔަ އަހަރު ކުރިއެރުން ލިބުނު ދާއިރާތަކަކީ ފަޅުފުުންކުރުމާއި އާއްމު ވިޔަފާރި އާއި ރިއަލް އެސްޓޭޓް ދާއިރާއިންނެވެ.
ފަޅުފުންކުރުމުގެ މަސައްކަތުން އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނީ 198.36 މިލިޔަން ރުފިޔާ އެވެ. އެއީ 2018 ވަނަ އަހަރަށް ވުރެން 0.68 ޕަސެންޓް އިތުރު އަދަދެކެވެ. އެ މަސައްކަތުން 2018 ވަނަ އަހަރު ލިބުނީ 197 މިިލިޔަން ރުފިޔާ އެވެ. އާއްމު ވިޔަފާރީގެ ދާއިރާއިން މިދިޔަ އަހަރު 262.8 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. އެއީ 9.9 ޕަސެންޓްގެ ކުރި އެރުމެކެވެ. އޭގެ ކުރީ އަހަރު އެ ދާއިރާ އިން ލިބުނީ 239 މިލިޔަން ރުފިޔާ އެވެ. ރިއަލް އެސްޓޭޓް ވިޔަފާރިން އެ ކުންފުންޏަށް މިދިޔަ އަހަރު 16 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 273.55 ޕަސެންޓްގެ ކުރިއެރުމެކެވެ. އެ ދާއިރާ އިން އޭގެ ކުރީ އަހަރު ލިބުނީ ހަތަރު މިލިޔަން ރުފިޔާ އެވެ.
އެމްޓީސީސީ ގްރާފް
އެހެން ދާއިރާތަކުން އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 2018 ވަނަ އަހަރަށް ވުރެ ދަށްވި އިރު އެންމެ ބޮޑު ހީނަރުކަމެއް އައީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެއީ ސިނަމާލެ ބްރިޖް ހުޅުވުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުންނެވެ. ދަތުރުފަތުރުން މިދިޔަ އަހަރު ލިބުނީ 90.2 މިލިޔަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 34 ޕަސެންޓް ދަށް އަދަދެކެވެ.
އިމާރާތްކުރުމުގެ ދާއިރާ އިން އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ މުޅި އާމްދަނީގެ 48 ޕަސެންޓަކީ އެ ދާއިރާ އިން ލިބުނު އާމްދަނީ އެވެ. މިދިޔަ އަހަރު އެ ދާއިރާ އިން ލިބުނީ 557.8 މިލިޔަން ރުފިޔާ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 2018 ވަނަ އަހަރަށް ވުރެ އިުތުރުވުމުން ހިއްސާއަަކަށް ޖެހޭ ފައިދާގެ އަދަދު ވެސް 56 ޕަސެންޓަށް އިތުރުވި އެވެ. އެގޮތުން ހިއްސާއަކަށް މިދިޔަ އަހަރު ޖެހުނީ 6.63ރ. އެވެ. އޭގެ ކުރީ އަހަރު ޖެހުނީ 4.26ރ. އެވެ. އެއާ އެކު މި އަހަރު ހިއްސާއަކަށް ބަހަން ކުންފުނީގެ ބޯޑުން ހުށަހެޅީ ހިއްސާއަަކަށް 2ރ. ބެހުމަށެވެ. މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްކުރި އެވެ.
ވާޗުއަލްކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާފައި ބައިވެރިވީ 44 ހިއްސާދާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ