ސަޕޯޓަރުންގެ ލޯތްބާއި ހެޔޮ ދުއާއަށްޓަކައި އަމީތާބު ޝުކުރު އަދާކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކޯވިޑް 19 އަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބަޗަން ޕޮޒިޓިވްވުމާއި ގުޅިގެން، އޭނާގެ ސަޕޯޓަރުން ވަނީ އަވަސް ޝިފާއަކަށް އެދި ކުރި މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލައިފައެވެ.
ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަމީތާބު ވަނީ ވަގުތުން ނަނަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ނަނަވަތީ ހޮސްޕިޓަލުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަމީތާބުގެ އިތުރުން އަބީޝެކް ބަޗަން އާއި އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ އަދި އެދެމީހުންގެ ދަރިފުޅު އަރާދުޔާ ބަޗަން ވެސް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.
އަމީތާބު ރޭ ކުރި ޓުވީޓެއްގައި ބުނީ ސަޕޯޓަރުން އަވަސް ޝިފާއަކަށް އެދި ކުރަމުން އަންނަ ހުރިހާ މެސެޖުތަކަށް އޭނާއަށް ޖަވާބު ނުދެވިދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއަށާއި އޭނާގެ އާއިލާއަށް ހުއްޓުމެއްނެތި ދެމުން އަންނަ ލޯތްބަށް ހިތުގެ ފުންމިނުން ޝުކުރުއަދާކުރާ ކަމަށެވެ.
ކޯވިޑް 19 އަށް ޕޮޒިޓިވްވުމުން އަބީޝެކްވެސް ވަނީ ބައްޕައާއި އެކު ހޮސްޕިޓަލުގައި އެޑްމިޓްވެފައެވެ. އިއްޔެ ކުރި ޓުވީޓެއްގައި އަބީޝެކް ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅު ޕޮޒިޓިވް ވިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ ތިބޭނީ ގޭގައި ކަރަންޓީނުވެގެން ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ