ރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުން: ރައީސް ނަޝީދު

ރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުން ކަމަށާއި ދީނީ މައުލޫމާތާއި ތަރުބިއްޔަތު ރާއްޖެއަށް ލިބުނީ އިސްލާމް ދީން އުނގަންނައި ދިނުމަށް އިލްމުވެރިން ކުރި ބުރަ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެެވެ.
ދީނީ އިލްމުވެރިޔާ ޝައިހް ހުސެއިން ރަޝީދު ތަރުޖަމާކުރައްވާ ސަހީހް މުސްލިމްގެ 11 ވަނަ ފޮތް ނެރެދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޑރ.ހުސެއިންގެ އެ މަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައި ބެލެނިވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ މަސައްކަތަކީ އަގު ހުރި، ބޭނުން ހުރި މަސައްކަތެއް ކަމަށާއި މި ފަހަރުގެ ފޮތުގައި ވެރިކަމާއި ގުޅޭ މައުލޫމާތު ވެސް ހިމެނޭތީ މިއީ ޝައުގުވެރި ފޮތަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ތާރީޚަށް ބަލާ އިރު، އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ދެކުނުގެ މީހުންކަން އެނގޭ ކަމަށާއި އޭގެ ތެރެއިން އައްޑޫގެ މީހުން ދީނީ އިލްމު ދިރާސާކޮށް އުނގަންނައިދިނުމަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސަހީހް މުސްލިމްގެ ފޮތްތަކާއެކު ހުސެއިން ނެރުއްވަމުންދާ ފޮތްތަކަކީ ވަރަށް ގިނަ ދުވަސް ވަންދެން ދަމަހައްޓަމުން އައި އިލްމީ ބެލެނިވެރިކަމެއް ހިފަހައްޓާ ދިނުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އައްޑޫގައި ދީނީ އިލްމު އުނގަންނައި ދިނުމަށް ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ.
އެގޮތުން އައްޑޫ މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނާއި، އެމަނިކުފާނުގެ މަދަރުސާއަކީ ދުނިޔޭގެ އެކި ތަންތަނުން މީހުން އިލްމު ހޯދަން އައިސް އުޅުނު ތަންތަން ކަމަށާއި އައްޑޫ ކޯގަންނު ގަބުރުސްތާނަށް ބަލާލުމުން އެކަން ސާފުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
 
އެ ފޮތާ ގުޅިގެން ހުސެއިން ރަޝީދު ވިދާޅުވީ ފޮތުގައި މައިގަނޑު ބަޔަކަށް ހިމެނިފައިވާނީ ވެރިކަމާ ގުޅޭ މައުލޫމާތުތައް ކަމަށްވީ ނަމަވެސް، ކެއިންބުއިމާ މެދުވެސް އެ ފޮތުގައި މައުލޫމާތުތައް ހިމަނާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަސޫލުﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ އިލްމުން ފުރިގެންވާ ބަސްތަކެއް ކަމަށާއި އެއީ އާދައިގެ މީހަކު ބުނާ ބުނުމަކާއި އެއް ހަމައެއްގައި ބެލޭނެ ބަސްތައް ނޫން ކަމަށެވެ.
ރަސޫލާގެ ކޮންމެ ބަސްފުޅަކީވެސް ހިކުމަތެއް ކަމުން އެ ބަސްފުޅުތައް ދިރާސާކޮށް އެއިން ހިކުމަތް ލިބިގަންނަން ޖެހޭ ކަމަށް ހުސެއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ