ކުޅިވަރާ ބެހޭ ގައުމީމަޖިލީހުގެ ރައީސް އިބްރާހިމް އިސްމާއިލް އެމަޖިލީހުން އިސްތިއުފާދެއްވައި ރިޓަޔާ ކުރައްވައިފި

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސްގެ މަގާމުންނާއި، އެ މަޖިލީހުން، އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި ކުޅިވަރުގެ ދާއިރާއިން ރިޓަޔާވެ ވަޑައިގެންފިއެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އިބްރާހިމް އިސްމާއިލް ރިޓަޔާ ކުރެއްވިކަން އާންމު ކުރައްވައި މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި އިބްރާހިމް އިސްމާއިލް ރަސްމީކޮށް ރިޓަޔާ ކުރައްވާފައިވާ ކަމަށާއި ދިވެހި ކުޅިވަރު ކުރިއެރުވުމަށް އިބްރާހިމް އިސްމާއިލް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖެ ޓީވީގެ ކުޅި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންވެސް މިނިސްޓަރު މަހްލޫފު ވަނީ އިބްރާހިމް އިސްމާއީލްގެ ރިޓަޔަމެންޓާ ބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ.
އިބްރާހިމް އިސްމާއިލަކީ އެކި ރޮނގުރޮނގުން އަގު ނުކުރެވޭފަދަ ހިދުމަތްތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ހާއްސަކޮށް ކުޅިވަރަށް އިބްރާހިމް އިސްމާއިލް ކޮށްދެއްވި ހިދުމަތްތައް ފާހަގަކޮށްލެވޭކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
އެގޮތުން، ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ރީތިނަން ހޯއްދަވައި ދެއްވުމާއި ކުޅިވަރުގެ އާ ކަންތައްތައް އިބްރާހިމް އިސްމާއިލް ތައާރަފު ކޮށްދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރަސްމީ މަސައްކަތުން ރިޓަޔާ ކުރެއްވި ނަމަވެސް ކުޅިވަރުގެ ދާއިރާއިން އިބްރާހިމް އިސްމާއިލާ ގުޅުން ބާއްވަވާނެ ކަމަށާއި، ކުޅިވަރުގެ ކަންތައްތަކުގައި ގޮވާލަން ޖެހިއްޖެ ހިނދެއްގައި އިބްރާހީމް އިސްމާއިލަށް ގޮވާލައްވާނެ ކަމަށެވެ.
އުމުރުން މިހާރު 70 އަހަރުވެފައިވާ އިބްރާހިމް އިސްމާއިލް ވަނީ 44 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ކުޅިވަރަށް ހިދުމަތް ކުރައްވައިފައެެވެ.
ގައުމީ ފެންވަރުގައި އެތައް ކުޅިވަރެއްގައި ވިދާލި އިބްރާހިމް އިސްމާއީލް އަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅާއި 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއިން ފެނުނު އެންމެ ހުނަރުވެރި މިޑްފީލްޑަރެވެ. އޭނާ ވަނީ ފުޓުބޯޅައިގައި ވަރުގަދަ ދިފާއީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ވިދާލައިފައެވެ.
ރާއްޖޭގައި ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމު، 1979 ވަނަ އަހަރު ރިޔޫނިއަނުގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅުނުއިރު އެ ތާރީހީ މެޗުގެ ކެޕްޓަނަކީ ވެސް އިބްރާހިމް އިސްމާއިލެވެ.
ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި ޓެނިހުގައިވެސް އިބްރާހިމް އިސްމާއިލަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަކުރައްވައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
އެންމެ ފުރަތަމަ އެކުލަވާލި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި ތައުލީމާ ބެހޭ ވަޒީރު އައްޔަން ކުރައްވާ މެންބަރުގެ ގޮތުގައި މަޖިލީހުގައި އިންނެވުމަށްފަހު އެ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއަށްފަހު މި ސަރުކާރުން އަލުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް އެކުލަވާލައި ރައީސް ކަމަށް އައްޔަން ކުރެއްވީވެސް އިބްރާހިމް އިސްމާއިލެވެ.
ފުރަތަމަ ފަހަރަށް 2008 ވަނަ އަހަރު ބޭއްވި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުރައްވައި އެ އިދާރާގެ ރައީސްގެ މަގާމުވެސް އިބްރާހިމް އިސްމާއިލް އަދާ ކުރެއްވިއެވެ. އޭގެ އިތުރުން އިބްރާހިމް އިސްމާއީލު ކުޅިވަރުގެ ދާއިރާއިން ހިދުމަތް ކުރެއްވި މަގާމު ތަކުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަމާއި އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީކަން ހިމެނެއެވެ.
އިބްރާހިމް އިސްމާއިލް ވަނީ ރެފުރީއެއްގެ ގޮތުގައިވެސް ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯއްދަވައިފައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ދެ ރެފުރީންގެ ތެރެއިން އެއް ރެފުރީގެ ގޮތުގައި އިބްރާހިމް އިސްމާއިލް ހިމެނިވަޑައިގެންނެވިއެވެ. ގައުމީ އެތައް ޓީމެއްގެ މެނޭޖަރުކަމާއި ބޮޑެތި ގޭމްސްތަކަށް ދިޔައިރު ޗެފް ޑި މިޝަނުގެ ޒިންމާވެސް އިބްރާހިމް އިސްމާއީލް ވަނީ އުފުއްލަވައިފައެވެ.
ކުޅިވަރު ދާއިރާގެ އިތުރު ތައުލީމީ ދާއިރާގައިވެސް އިބްރާހިމް އިސްމާއިލް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން 43 އަހަރު ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައި ވެއެވެ.
އިބްރާހިމް އިސްމާއިލް ތައުލީމީ ދާއިރާއާ ދުރަށް ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އިބްރާހިމް އިސްމާއިލް ތައުލީމާ ބެހޭ ވުޒާރާގައި އެންމެ ފަހުން ހުންނެވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ