ކެޕާއާ މެދު މީޑިއާގެ އަމަލުތައް ރަނގަޅެއް ނޫން: ލަމްޕާޑް

ލަންޑަން (ސެޕްޓެމްބަރު 29) - ފޯމު ގެއްލުމުގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވެފައިވާ ޗެލްސީގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާއާ މެދު މީޑިއާ އިން އަމަލުކުރަމުން އަންނަނީ ރަނގަޅަކަށް ނޫން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ދާދި ފަހުން ސޮއިކުރި ރެނެސްގެ ކީޕަރު އެޑޮއާޑް މެންޑީ ގެނައުމަށް ފަހު ނިންމާފައިވަނީ ކެޕާ ލޯނަކަށް ދޫކޮށްލާށެވެ. އަދި އުމުރުން 28 އަހަރުގެ ކެޕާ ދެން މި ސީޒަނުގައި ޗެލްސީ ގޯލުން ނުފެންނާނެ ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ލަމްޕާޑް ބުނީ އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
"އަހަންނެއް ނުބުނާން ކެޕާ ދެން މި ސީޒަނުގައި ޗެލްސީ ގޯލުން ނުފެންނާނެއޭ. އެއީ ހަގީގަތެއް ނޫން. ކެޕާ އަށް ފުރުސަތު އެބައޮތް،" ލީގު ކަޕްގައި މިރޭ ރަށުން ބޭރުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލަމްޕާޑް ބުންޏެވެ.
އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި މީގެ ދެ އަހަރު ކުރިން ޗެލްސީ އަށް 91 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ގެނައި ކެޕާ އެ ޓީމުގައި ކެރިއަރު ފެށީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު ވަކި ހިސާބަކުން ފޯމު ގެއްލި މީޑިއާގެ ސަމާލުކަން އޭނާ އަށް އެންމެ ފުރަތަމަ ހުއްޓުނީ މައުރީޒިއޯ ސާރީ ޗެލްސީގެ ކޯޗަކަށް ހުރިއިރު ލީގު ކަޕް ފައިނަލް މެޗުގައި ކެޕާ ބަދަލުކުރަން އުޅުމުން އޭނާ ދެކޮޅު ހެދި ހިސާބުންނެވެ.
ފަހުން ސާރީ ޗެލްސީގެ ކޯޗުކަމުން ވަކިވެ މިދިޔަ ސީޒަނުގައި ލަމްޕާޑް ޗެލްސީއާ ހަވާލުވެ ކެޕާ އަށް ޓީމުން ފުރުސަތު ދިނެވެ. އެކަމަކު މިދިޔަ ސީޒަނުގައި ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެންނަން ފެށުމާ އެކު ސީޒަންގެ ފަހުކޮޅުގައި ކެޕާގެ ބަދަލުގައި ޗެލްސީން ބޭނުންކުރީ ބަދަލުކީޕަރު އާޖެންޓީނާގެ ވިލީ ކަބަލޭރޯ އެވެ. އެހެން ނަމަވެސް މި ސީޒަން އަނެއްކާ ވެސް ޗެލްސީން ފެށީ ކެޕާ ލައިގެންނެވެ. ކެޕާ އަށް މި ފަހަރު ފުރުސަތު ގެއްލުނީ ލީގުގައި އަމިއްލަ ދަނޑު 2-0 އިން ލިވަޕޫލް އަތުން ބަލިވި މެޗުގައި އޭނާ ހެދި ގޯހެއްގެ ސަބަބުންނެވެ.
"އަހަރެމެން ވިސްނަންޖެހޭ ކެޕާ އަކީ ވެސް ޒުވާނެއް އަދި. އޭނާއާ މެދު މީޑިއާ އިން ކަންތައްތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫން. އޭނަ ކުރާ ގޯސް ކަންތައްތަކަށް ބަލާއިރު ރަނގަޅު ކަންތައްތައް ވެސް ފެންނަންވާނެ. އަހަރެން އޭނަ (ކެޕާ)ގެ ހިމާޔަތުގައި އެބަހުރިން. އޭނަ އަށް ފުރުސަތު ދޭނަން،" ލަމްޕާޑް ބުންޏެވެ.
ލީގުގައި އެންމެ ފަހުން ޗެލްސީން ވެސްޓް ބްރޮމްއާ 3-3 އިން އެއްވަރުވި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ކަބަލޭރޯ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މިރޭ ޓޮޓެންހަމާ ދެކޮޅަށް ޗެލްސީގެ ގޯލު ބަލަހައްޓާނީ މެންޑީ އެވެ. ލަމްޕާޑް ބުނީ މެންޑީ ޓީމުގައި ހިމެނޭނެ ކަމަށާއި އެކަމަކު ފުރަތަމަ އެގާރައިގައި ކުޅޭނެ ކަމުގެ ޔަގީންކަމެއް އަދި ނުދެވޭނެ ކަމަށެވެ.
ޓޮޓެންހަމްގެ ޝެޑިއުލް އޮތްގޮތުން ލީގު ކަޕަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ދެވެން ނެތް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވާއިރު، އެކަމާ ބެހޭ ގޮތުން ލަމްޕާޑް ބުނީ ވަރުގަދަ ދެ ޓީމު ނެގޭވަރުގެ ސްކޮޑެއް ޓޮޓެންހަމްގައި އެބައޮތް ކަމަށާއި އެހެންކަމުން ޓޮޓެންހަމަށް ޝެޑިއުލަށް ބަލައިގެން ވެސް ވަރުގަދަ ޓީމެއް ނެރެވޭނެ ކަމަށެވެ.
ޓޮޓެންހަމް ސްޓޭޑިއަމްގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.
'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ