ދަރަނި 74 ބިލިއަނަށް އެރިއިރު އަތޮޅުތެރޭގެ ރައްޔިތުން ފެންވަރަނީ ނަޖިސް ފެނުން - އަލީ ހުސައިން

ދިވެހިރާއްޖޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް އެރިއިރު އަދިވެސް އަތޮޅުތެރޭގެ ރައްޔިތުން ފެންވަރަނީ ނަޖިސް ފެނުން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ފިނޭންސުން މިދިޔަ ބުރާސްފަތު ދުވަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ. ފާއިތުވި ތިންމަހު އެކަނިވެސް 4.5 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ވަނީ ނަގާފައެވެ.
އަބަދުވެސް މާލެ އާއި އަތޮޅުތަކާއި ދެމެދު ގެންގުޅޭ ތަފާތު ކުރުންތަކާއި ދެކޮޅަށް ވާހަކަދައްކަވާ މެންބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 74 ބިލިޔަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އެޅުނު އިރު އަތޮޅު ތެރޭގެ ގިނަ ރައްޔިތުން އަދިވެސް ނަޖިިސްފެނުން ފެންވަރަން ޖެހިފައިވުމުން އެހުރިހައި ފައިސާ ޚަރަދުކުރީ އެންމެރަނގަޅަށް ނޫންކަން ސާބިތުވާ ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. މީގެ ތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަނުން ދެ ފަހަރަށް ވެސް ލޯނު ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔައިރު އެކަށީގެންވާ ވަރާއި ގާތައް ވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ