ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވަނީ ރައީސް ޔާމީންގެ ފަރާތުންނާއި ދައުލަތުން ފާހަގަކުރަން ބޭނުންވާ ކަންކަން ހާމަކޮށް ޚުލާސާ ބަޔާންއިއްވުމުގެ ފުރުޞަތުދެއްވާފައެވެ.
ޚުލާސާ ބަޔާނުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުޙައްމަދު ޖަމީލް ވަނީ ކްރިމިނަލް ކޯޓުންކުރި ޙުކުމުގައި ހުރިކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ ކަންބޮޑުވުންތަކާއި ޤާނޫނާއި ޤާވާޢިދުތަކާއި ޚިލާފަށް ހިންގާފައިވާކަމަށް ވިދާޅުވެ އެ ޙުކުމް ދަމަހައްޓަފިނަމަ ގޯސް ނަތީޖާތަކެއް ނުކުމެދާނެކަމަށެވެ.
ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.
އިންތިޚާބުތަކަށް ޚަރަދުނުކުރެވޭގޮތަށް އިސްލާމިކް ބޭނުންގައި ފައިސާ އިންވެސްޓްކުރަންޖެހޭ ސަބަބެއްނެތްކަމަށް ވިދާޅުވެ ސިޔާސީ މަސައްކަތްތަކަށް ފައިސާ ލިބިވަޑައިގެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ދައުލަތުން ވަނީ ރައްދުދެއްވާފައެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ޚުލާސާބަޔާން ހާމަކުރެއްވުމުން ފަނޑިޔާރުންގެ ބެންޗުންވެސްވަނީ ރައީސް ޔާމީނާ ސުވާލުކުރައްވާފައެވެ. އެގޮތުން ރައީސް ކަމުގެ މަޤާމުގައި ހުންނެވިއިރު ހެޔޮއެދޭ ގިނަ ބަޔަކު ތިބޭނެކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެ ހެޔޮއެދޭ ފާރާތްތަކީ ކޮބައިތޯވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުކުރައްވާފައެވެ.
މިސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ހުންނައިރު ހެޔޮއެދޭ ފަރާތަކުންދޭ ފައިސާއެއް ލިބުމަކީ ކުށެއްކަމަށް ޤާނޫނުގައި ބުނެފައި ނުވާކަމަށާއި ސިޔާސީ ކަންކަމަށް އޭރު ލިބިލެއްވި ފައިސާއާ ހަވާލުވީ ކުރީގެ ނާއިބު ރައިސް ޢަދީބުގެ އިތުރުން ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު ޝައިނީއާކަމުން އެފައިސާ ހޯދަން އަދީބައް ގުޅުއްވީކަމަށެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލިސް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ބެންޗުގައި އިސްކޮށް އިންނެވި ފަނޑިޔާރު ޙުސެއިން މަޒީދު ވިދާޅުވީ ޝަރީއަތުން ސާފްކުރަންޖެހޭކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް އިއްވުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ