އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދިވެހިން ބާކީވެ ނިކަމެތި ވާނެ: ނަޝީދު

އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދިވެހިން ބާކީވެ ނިކަމެތި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަށް ދިވެހިންގެ ތާއިދެއް ނެތް ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކަމުން އެކަން ސާބިތުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު، އިންޑިއާ އައުޓް ކެމްޕޭނަކީ ސިޔާސީވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ކުރާކަމެއްގެ ގޮތުގައި ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. "ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށް ޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަވަން ވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާ އައުޓް ކެމްޕޭނަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގަރާރެއް ނެރުއްވާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށްވެސް އަންގަވާފައެވެ. ރައީސްގެ ގަރާރަކީ ޤާނޫނާ ޚިލާފަށް ނެރެފައިވާ ބާތިލް ގަރާރެއްކަމަށް ބުނެ ޕީޕީއެމުން ވަނީ އެ ހަރަކާތްތައް ހުއްޓާލަން ދެކޮޅު ހަދާފައެވެ. އެ ގަރާރު ނެރުނު ފަހުން ފުލުހުން ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭގޮތަށް "އިންޑިއާ އައުޓް" ބެނާ ހަރުކޮށްފައި ހުރި ތަންތަނުން ބެނާތައް ނަގައިފައެވެ. އަދި އެ ހަރަކާތަށް ދެން ފުރުސަތު ނުދޭނެ ކަމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ