ލާމަރުކަޒީ ނިންމުން 2021: ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވައިފި

މިއަދު ހެނދުނު ފެށިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.
އެމަނިކުފާނު ވޯޓުލައްވާފައިވަނީ ގަލޮޅު ދަނޑުގައި ބެހެއްޓިފައިވާ ގަލޮޅު އުތުރު ދާއިރާގެ ވޯޓުފޮއްޓަށެވެ.
މިފަހަރުގެ އިންތިޚާބުގައި މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން، ރިސޯޓްތައް، ޖަލުތައް އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުގައިވެސް ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ. އަދި ރާއްޖެއިން ބޭރުގެ ދެޤައުމެއްގައިވެސް ވަނީ ވޯޓުފޮށިތައް ބެހެއްޓިފައެވެ. މި އިންތިޚާބަކީ މިފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު ޚަރަދެއް ކޮށްގެން ބޭއްވޭ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާނެކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ އާންމު ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 7 އިން ފެށިގެން ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ. އަދި ކަރަންޓީން/އައިސޮލޭޝަންގައި ތިބި ފަރާތްތަކަށް ވޯޓުލެވޭނެ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވީރު 5 އިން ފެށިގެން އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށެވެ.
މި އިންތިޚާބުގައި ޖުމްލަ 713 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 2234 ކެނޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި 1580 ކެނޑިޑޭޓުން ވާދަކުރާނެއެވެ.
ފޮަޓޯ: ލޫކަސް ޖަލީލް/ ޓްވިޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ