136 މީހުން އަލަށް ޕޮޒިޓިވް، ބަލިން ފަސޭހަވީ 125 މީހުން

ރާއްޖެއިން އިތުރު 136 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،262 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 136 ސާމްޕަލްއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 124 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 10 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 2 މީހުން ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.
އަލަށް ޕޮޒިޓިވްވި 136 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 20،280 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 125 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 17،595 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،615 ގައެވެ. މީގެތެރެއިން 187 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުން މިއަދު 1،967 މީހަކަށް އަދި އަތޮޅުތެރެއިން 3،792 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.
މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ދިން މީޙުންގެ އަދަދުވަނީ 129،424 އަރާފައެވެ. އެއީ، މާލެ ސަރަހައްދުން ވެކްސިންދިން 81،323 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންދިން 48،101 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ