ދަރިވަރަކު މީހަކު މަރާފައިވާކަމަށް ކޮށްފައިވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތްކަމެއް: އޭއޭއޭ ދަރިވަރުންގެ ޔޫނިއަން

އައްޑޫ ސިޓީގެ ގަމުގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސްގެ މެނޭޖްމަންޓުން އެތަނުގެ ދަރިވަރަކު، ގަސްދުގައި މީހަކު މަރާފައިވާާކަމަށް ކޮށްފައިވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތްކަމެއްކަމަށް އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ބުނެފިއެވެ.
ދަރިވަރުންގެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 27 ފެބްރުއަރީ 2021 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުގެ ސީނިއަރ މުވައްޒަފުންނަށް ކޮޕީކޮށް އޭއޭއޭގެ ދަރިވަރަކަށް ފޮނުވި އީ-މެއިލްއެއްގައި އެދަރިވަރަކީ ގަސްދުގައި މީހަކު މަރާފައިވާ ފަރާތެއް ކަމުގައި ތުހުމަތުކޮށްފައިވާކަމަށެވެ. މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއްވެސް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫންކަމަށް ވަނީ ބުނެފައެވެ.
"އޭއޭއޭގެ މިޢަމަލަކީ މި ޔޫނިއަން އިން ދަރިވަރުންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތުގައި އެދަރިވަރު ބައިވެރިވަމުން އަންނާތީ ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ކުރިމަތީ އެދަރިވަރުގެ ނަން ކިލަނބުކޮށް، އެ ދަރިވަރުގެ ކެރިއަރު ދުއްވާލުމަށް ދިން ޒާތީ ހަމަލާއެކެވެ. މި ޔޫނިއަން އިން ގަބޫލުކުރާ ގޮތުގައި މިޢަމަލަކީ އޭއޭއޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެކެވެ. އޭއޭއޭގެ މިއަމަލު މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ"، ބަޔާނުގައި ބުނެފައިވެއެވެ.
އެ ދަރިވަރުން ބުނީ މީގެ ކުރިންވެސް ތަކުރާރުކޮށް އޭއޭއޭގެ ފަރާތުން ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވުމާއި ގުޅިގެން އެކަމުގެ ޝަކުވާ ވާނީ ކަމާއިބެހޭ ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރެވިފައިވާކަމަށެވެ. އަދި 27 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެއިލްއަކީ އޭއޭއޭއިން ދަރިވަރުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ގޯނާއަށް އިތުރު ވެގެންދިޔަ ބޮޅެއްގެ ގޮތުގައި އެ ދަރިވަރުން ވަނީ ސިފަކޮށްފައެވެ.
އަދި އެފަރާތުގެ މިޢަމަލަކީ، ދަރިވަރުން އެދަރިވަރުންގެ ހައްގު ހޯދުމަށް ވަކާލާތުކުރަމުން އަންނަ އައުމަށް ހުރަސް އަޅައި އެދަރިވަރުން ނަފްސާނީގޮތުން ބަލިކަށި ކުރުމަށް ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމުގައި ވަނީ ބުނެފައެވެ.
އޭއޭއޭގެ މި އަމަލު ތަހްޤީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ