މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރު އަދި އާއިލާއަށް ގެކޮޅު ހަމަޖައްސަން ގާނޫނަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީޙުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަދި އެބޭފުޅުންގެ އާއިލާއަށް ގެކޮޅު ހަމަޖައްސަން ޖެހޭ ގޮތަށް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ. އެ ދެބޭފުޅުންނަށް ގެކޮޅު ހަމައްޖައްސަން ވަކި ވަކިން ދެ ގާނޫނަކަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. މަޖިލީހުގެ ރައީސަށް ގެކޮޅު ހަމަޖައްސަން އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާއިރު އުއްތަމަ ފަނޑިޔާރަށް ގެކޮޅު ހަމައްސަން އިސްލާހު ހުށަހަޅާފައިވަނީ ފަނޑިޔާރުންގެ ގާނޫނަށެވެ. އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އެވެ. ހުށަހެޅުއްވި އިސްލާހުތަކުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި އުއްތަަމަ ފަނޑިޔާރު އަދި އެބޭފުޅުންގެ އާއިލާއަށް ދިރިއުޅޭނެ ރަސްމީ ގެކޮޅާއި އެގެކޮޅަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ހަރަދު ދައުލަތުން ހަމަ ޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި އެގެކޮޅަކީ ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެކޮޅަށް ވާން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅޭ ގޭގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެމްއެންޑީއެފުން ކަމަށް އިސްލާޙުގައި ބުނެފައިވެ އެވެ. އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ސުޕްރީމް ކޯޓުން މުވައްޒަފުން ހަމަޖައްސަން ޖެހޭގޮތަށް އިސްލާހުގައި ލިޔެފައިވާއިރު މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅަށް މަޖިލީހުގެ އިދާރާއިން މުވައްޒަފުން ހަމަޖައްސަން ޖެހޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އާއިލާކަމަށް ބުނެފައިވަނީ މަޖިލީހުގެ ރައީސް އަދި އުއްތަަމަ ފަނޑިޔާރުވިޔަސް އޭނާގެ އަނބި މީހާ ނުވަތަ ފިރިމީހާ، ދަރިން އަދި މައިންބަފައިން ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. މިހާރު ދައުލަތުން ގެކޮޅު ހަމަޖައްސަވާފައި ވަނީ ރައީސުލްޖުމްހޫއްރީޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. ދެ ގާނޫނަށް ވަކިވަކިންް ހުށަހެޅި އެ އިސްލާހުތަކުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ. އެ އިސްލާހުތައް ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވަނިކޮށެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ އަނިޔާތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ