ވިންޓަރ ތީމް ޕާކު ހިންގަން ހަވާލުކުރި ކުންފުނި ހޯދަނީ

ސަލްޓަން ޕާކުގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާކު ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުނި ހޯދުމަށް ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިއިޢުލާންގައިވަނީ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެފަރާތުން ސިޓީ ކައުންސިލަށް ޙާޟިރުވުމަށް އަންގާފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ވިންޓަރ ތީމް ޕަރކް ހިންގުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާކަމަށެވެ. ނަމަވެސް އެ ކުންފުނިން ޕާކު ހިންގަމުން ނުދާތީ އެކަމާ ގުޅިގެން އަންގަންޖެހޭ ކަންކަން އެންގުމަށް މަސައްކަތް ކުރުމުންވެސް، އެ ފަރާތާ މުޢާމަލާތް ކުރެވޭނެ ގޮތް ވެފައި ނުވާކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމާ، އަދި ކުންފުނީގެ އެއްވެސް ފަރާތަކާ މުޢާމަލާތް ކުރެވޭނެ ގޮތް ވެފައި ނުވާތީ، ކުންފުނި ހިންގަމުންދާ އެޑްރެސްއެއް ސިޓީ ކައުންސިލަށް އެނގިފައި ނުވާކަމަށެވެ.
ގެޒެޓްކޮށްފައިވާ އެންގުމުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިންގއާއެކު ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން ބޭފުޅަކު، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކައުންސިލަށް ޙާޟިރުވުމަށް އަންގާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކައުންސިލަށް ޙާޟިރު ނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ، ވިންޓަރ ތީމް ޕާކު ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުން އުވާލާނެކަމަށެވެ.
ރަސްރަނި ބަގީޗާގައި ހެދި ވިންޓަރ ތީމް ޕާކަކީ ރާއްޖޭގައި ތިބެގެން ފިނި މޫސުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، އޭރުގެ ސަރުކާރުން ތަރައްޤީކުރި ޕާކެކެވެ. ޕާކު ހުޅުވާފައިވަނީ 15 ޖޫން 2018ގައެވެ.
ޕާކުގައި އައިސް ސްކޭޓްކުރާ ރިންގަކާއި، އައިސް ސްލައިޑާއެކު ސްނޯގެ ކުޅިވަރުތައް ކުޅެވޭގޮތަށްވަނީ ހަދާފައެވެ. މި ޕާކުގެ ވަޞީލަތްތައް ޑިޒައިންކޮށް އުފައްދާފައިވަނީ ފްރާންސާއި ޖަރުމަނުގެ އިންޖިނިއަރުންގެ ޓީމަކުންނެވެ. މި ޕާކް ތަރައްޤީކޮށްފައިވަނީ ރާއްޖޭގެ މާޙައުލަށް އެންމެ އެކަށީގެންވާގޮތަށް ދިރާސާތައް ކުރުމަށްފަހުގައެވެ.
ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ޕާކު ހަވާލުކޮށްފައިވަނީ، ތަނުގެ މެއިންޓަނަންސް މަސައްކަތަށް ދަޢުލަތުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭގޮތަށެވެ. މި ކުންފުންޏާ ހަވާލުކޮށްފައިވަނީ ވިންޓަރ ތީމް ޕާކު ހިންގާ ބެލެހެއްޓުމާ، ކެފޭއެއްވެސް އެ ސަރަޙައްދުގައި ހިންގައިގެން މަންފާ ހޯދޭނެ ގޮތަށެވެ. ނަމަވެސް ކެފޭގެ ޚިދުމަތްވެސް ފަށާފައެއް ނުވެއެވެ.
އަދި ވިންޓަރ ތީމް ޕާކުގެ ޚިދުމަތް ހުއްޓާލާ، އެތަން ބޭނުން ނުކޮށް އޮންނަތާވަނީ ދިގުމުއްދަތެއް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ