ސަޓާ އިވެންޓަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑްތަށް، އައްޑުއަށް ފަތުރުވެރިކަމުގެ ބޮޑު އީދެއް

ހައިރައިޒުން އިންތިޒާމުކޮށްގެން، ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަކީ މި މި ސަރަހައްދުގައި ބާއްވާ އެއްމެ ބޮޑު އެއް ޓްރެވަލް އެވޯޑް ހަފްލާއެވެ. މިއީ އޭޝިއާގެ މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން ބައިވެރިވެ ވާދަކުރަމުން އަންނަ އެވޯޑެކެވެ. މިފަހަރުގެ ސަޓާ އެވޯޑުގައި ވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުންޏެވެ. ހައިރައިޒުން ބުނީ، މިފަހަރުގެ ސަޓާ އިވެންޓްގައި ބައިވެރިވާ އިންޑިއާގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި، ތީ ލީލާ، ތައި ވެސްޓެޑް، ތާޖް ވައިޓްފީލްޑް، ފޮރެސްޓް ކެނޮޕީ، އިންޓާ ސައިޓް، މަލާބާރް ހޮލިޑޭސް، ހޮލިޑޭ ކެރަލާ، ކައުޓީޔާޑް މެރިއޮޓް، ފްރެގެންޓް ނޭޗާ، އިބްނި ކޯޖް، ޝެރަތަން ގްރޭންޑް އަދި ސްޕީސް ޖެޓް ފަދަ މަޝްހޫރު ބްރޭންޑްތަށް ހިމެނޭ ކަމަށެވެ. ސްރީ ލަންކާއިން ސަޓާ އިވެންޓްގައި ބައިވެރިވާ ބްރޭންޑް ތަކުގެ ތެރޭގައި، ސިނަމަން ހޮޓެލްސް، މޫވެންޕިކް އަދި ސްރީލަންކަން އެއާލައިން ފަދަ މަޝްހޫރު ބްރޭންޑްތަށް ހިމެނެއެވެ. ލަންކާގެ އިތުރުން ނޭޕާލާއި ބޫޓާނުން ޝަންގްރީލާ، ބަރަހީ، މަލްބެރީ، ހިމާލެއާ އެއާލައިން، އަންނަޕުރްނާ އަދި ޓަޝީ ނަމްގޭ ރިސޯޓްސް ހިމެނޭކަމަށް ހައިރައިޒުން ބުންޏެވެ. މިފަހަރުގެ ސަޓާ އިވެންޓްގައި ރާއްޖެއިން ބައިވެރިވާ ބްރޭންޑް ތަކުގެ ތެރޭގައި، ސޮނެވާ، އަމިއްލަފުށި، ޖުމެއިރާ، ވިލާ ހޮޓެލްސް، ލަކްސް، އަނދާރަން ރިސޯޓްސް، ވޮޔޭޖަސް މޯލްޑިވްސް، އިނަރ މޯލްޑިވްސް، ކޮކޫން، ޖޯންކީލްސް މޯލްޑިވްސް ރިޒޯޓްސް، ސަމަރ އައިލެންޑް، އެނބޫދޫ އަދި މޯލްޑިވިއަން އެއާލައިން ފަދަ ޓޫރިޒަމް ބްރޭންޑްތަށް ބައިވެރިވާނެކަމަށް ހައިރައިޒުން ބުންޏެވެ. ސަޓާ އިވެންޓާ ދިމާކޮށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން އައްޑުއަށް ޒިޔާރަތްކޮށް އައްޑޫސިޓީގެ ރީތި ކަމާއި އައްޑޫސިޓީގެ ރައްޔިތުންގެ ހުނަރުވެރިކަން ފެނިގެން ދިއުމަކީ އައްޑޫސިޓީއަށް އޭގެ ސަބަބުން އެތަށް ފައިދާތަކެއް ކޮށް އައްޑޫ ސިޓީ އިޝްތިހާރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމެކެވެ. އަދި ސަޓާ އިވެންޓް ވެގެންދާނީ އައްޑޫ ސިޓީގެ ހޮޓާ ތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިޒަމްގެ ބޮޑު އީދަކަށެވެ. ސަޓާގެ އެވޯޑް ހަފްލާ އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު، ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. އަދި ސަޓާގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައިވަނީ މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖްގައެވެ. ސަރަހައްދީ ފެންވަރުގައި ބާއްވާ ސަޓާ އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ. އަދި އެ އިވެންޓްގައި ބައިވެރިވާ އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނުން އަންނަ ފަރާތްތައް ސީދާ ގަމަށް ޒިޔާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ހައިރައިޒުން ބުންޏެވެ. ބޭރުގެ ގައުމުތަކުން ޒިޔާރަތް ކުރާ ފަރާތްތަކުން ގަމަށް އަންނަން ހަމަޖެހިފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށްވެސް ހައިރައިޒުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ