ކާރު ރޭސް އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށްފި

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ކާރު ރޭސް ޖަހަން ނުކުމެ އުޅެނިކޮށް، ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބާރު ސްޕީޑްގައި ދިޔަ ކާރު ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސްޓެލްކޯއާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ހ. އެވަޗާންސް އަބްދުﷲ ސޮއްފަތު، ،28 ތަހުގީގަށް ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
"އެކްސިޑެންޓަށް ފަހު ވީ އަނިޔާ އަށް ސްރީލަންކާގައި ފަރުވާ ހޯދުމަށް ފަހު މާލެ އައުމުން އަޅުގަނޑުމެން އޭނާ ހައްޔަރުކުރީ. ތަހުގީގަށް އޭނާ ހައްޔަރުކުރީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގަން ދިމާވީ ސޮއްފަތު ދުއްވަން އިން ރަތް ކުލައިގެ ކާރު ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން އިރަށް ވަރަށް ބާރަށް ދުއްވާފައި އަންނަނިކޮށް، ކުރިމަތިން ދިމާވި ތިން ސައިކަލަކުން ނައްޓަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ކަމަށެވެ. އެ ކާރު އޭރު ދުއްވާފައި ދިޔައީ ފުލުހުން ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 70 ކިލޯމީޓަރުގެ ބާރު ސްޕީޑެއްގަ އެވެ. މި އެކްސިޑެންޓުގައި ސޮއްފަތުގެ ބޮލަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައި ވެ އެވެ.
ކާރު ރޭސް ޖަހަނިކޮށް ހިނގި ނުރައްކާތެރި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެ، އޭގެ ތެރެއިން ގ. ރަންނާޅި، މުހައްމަދު ޝަބީން، 26ގެ ވާތުފައި ވަނީ ސްރީލަންކާގައި ބުރިކޮށްލައިފަ އެވެ. މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯހުގައި މަސައްކަތްކުރާ ޝަބީންގެ ވާތުފައިގެ މާކަޅުވާގެ މެދުން ބުރިކޮށްލަން ޖެހުނީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރުން ބުނުމާ ގުޅިގެންނެވެ. އޭނާގެ ވާތު ފައިގެ ފަސް ތަނަކުންނާއި ކަނާތު ފައިގެ ދެ ތަނަކުން ބިނދިފައި ވެ އެވެ. އޭގެ އިތުރުން އެކްސިޑެންޓުގައި ޒަހަމްވީ މއ. ކިނާރީހިޔާގޭ އަހުމަދު ނާހިދު ،27 އާއި ގ. ބީޗްނެސްޓް އަހުމަދު މުއާޒުގެ އިތުރުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަބްދުﷲ ސޮއްފަތެވެ.
މި އެކްސިޑެންޓް ހިނގުމާ އެކު ބަޔަކު މީހުން އެ އެކްސިޑެންޓުގެ ސީން ހަލާކުކޮށްލަން ވެސް މަސައްކަތް ކޮށްފައި ވެ އެވެ. އެގޮތުން ދެ ކާރާއި ސައިކަލްތަކުގެ ނަމްބަރު ޕްލޭޓް ވަނީ ނައްޓާލައިފަ އެވެ. އަދި ކާރުގައި ސަތަރި އަޅާ ފޮރުވަން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ