ރާއްޖެ އަށް 92.5 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އައިއެމްއެފުން ފާސްކޮށްފި

ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް 92.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ)ގެ ލޯނެއް ރާއްޖެ އަށް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެގްޒެކެޓިވް ބޯޑުން ފާސްކޮށްފި އެވެ.
ގިނަ ބައިތަކެއް ހިމެނޭ މި އެހީ ރާއްޖެ އަށް ދިނުމަށް ފާސް ކުރުމަށް ފަހު އެކަމާ ގުޅޭ ނޫސް ބަޔާނެއް އައިއެމްއެފްގެ ރަސްމީ ވެބްސައިޓުގައި އިއްޔެ ވަނީ ޝާއިއު ކޮށްފަ އެވެ.
އެ ނޫސްބަޔާނުގައި ލޯން އަނބުރާ ދައްކަން ޖެހޭ މުއްދަތެއް އަދި ލޯންގެ އިންޓަރެސްޓް ރޭޓަކީ ކޮބައިކަމެއް ބުނެފައެއް ނުވެ އެވެ. އަދި ފިނޭންސް މިނިސްޓްރީން ވެސް އެ ތަފުސީލު ލިބޭ ގޮތެއް ނުވި އެވެ.
އައިއެމްއެފްގެ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ސްޓޭންޑް ބައި އެއްބަސްވުމެއްގެ ދަށުން ރާއްޖެ އަށް ދޭ ލޯނު އެހީގެ ތެރޭގައި ހިމެނެނީ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދެވޭ 79.3 މިލިއަން ޑޮލަރާއި އަމިއްލަ ބާރު ނުފޯރާ ކަންކަމުން އިގްތިސާދަށް އަރާ ލޮޅުން ކުޑަކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދޭ 13.2 މިލިއަން ޑޮލަރެވެ. ޖުމްލަ 92.5 މިލިއަން ޑޮލަރުގެ ތެރެއިން 5.13 މިލިއަން ޑޮލަރު، ބޯޑުގެ ނިންމުމާ އެކު ދޫކުރެވޭނެ ކަމަށް އައިއެމްއެފުގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގެ ނިންމުމާ ގުޅޭ ގޮތުން ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަދި ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވެވަޑައިގެން ހުންނެވި ޓަނަޓޯސީ ކާޓޯ ބަނީ ބަޔާނެއް ދެއްވައިފަ އެވެ.
"ދުނިޔޭގެ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވުމާއި އާމްދަނީ ލިބުން މަދުވުމާއި އެކްސްޕޯޓް ދަށްވެ، ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި. ސުނާމީ އާ ގުޅިގެން އަލުން އާރާސްތު ކުރުމަށް އެޅި ފިޔަވަޅުތަކާ އެކު ސަރުކާރުގެ ހަރަދުތައް މިދިޔަ އަހަރުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ނުހިފެހެއްޓި ދިއުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި. ބެލަންސް އޮފް ޕޭމަންޓުގެ ހާލަތު ދަށްވެ ރިޒާވް ހުސްވެފައި،" އޭނާ ވިދާޅުވި އެވެ. "އައިއެމްއެފްގެ އެހީއާއެކު ހިންގުމަށް ސަރުކާރުން އަޒުމް ކަނޑައަޅާފައިވާ ޕްރޮގްރާމުގެ އަމާޒަކީ ބައިނަލް އަގުވާމީ ކަންކަމުން އިގްތިސާދަށް ކުރާ އަސަރުތަކަށް ކުރިމަތިލައި މުޅި އިގްތިސާދާއި (ސަރުކާރުގެ) އާމްދަނީ ދެމެހެއްޓުން."
އައިއެމްއެފުން ދޭން އެއްބަސްވި މި ލޯނާ ގުޅޭ ގޮތުން ފިނޭންސް މިނިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިއަދު ވިދާޅުވީ މި ލޯން ރާއްޖެ އަށް ހަމަޖެހުނީ އިގްތިސާދު ހަރަދަނާ ކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވައިގެން ކަމަށެވެ. އަދި މި ލޯނު ދޭން ފާސް ކުރުމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު އައިއެމްއެފުގެ ތާއީދު އޮތްކަން އަންގައިދޭ ކަމެއް ކަމަށް އެނާ ވިދާޅުވި އެވެ.
"މިއީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އަދި މިހާރު ހުށަހަޅާފައިވާ ބަޖެޓާ މެދު ވެސް އައިއެމްއެފުގެ ޔަގީންކަން އޮތްކަން އަންގައިދޭ ކަމެއް. ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަސްއަދު ވިދާޅުވީ ތިން އަހަރު ދުވަހުގެ ތެރޭގައި އައިއެމްއެފުން ދޭ މި ލޯނު އެހީ އަކީ ނިސްބަތުން ބަލާއިރު މާބޮޑު އެއްޗެއް ނޫން ކަމަށެވެ. އެކި ބައި ބަޔަށް ދޭ މި ލޯން ބޮޑަށް އަމާޒު ކުރެވޭނީ ބެލަންސް އޮފް ފޭމަންޓް ހިފެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް އިގްތިސާދީ ވަޅުގަނޑުން އަރައިގަނެ އިގްތިސާދު ދުޅަހެޔޮކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ އައިއެމްއެފުގެ ވަފުދަކާ އެކު އޮގަސްޓު މަހު އެއްބަސްވުމަކަށް އައިސްފަ އެވެ. ވަފުދުން އެއްބަސްވެފައި އޮތީ 30 މަސް ދުވަހުގެ ތެރޭގައި ސްޓޭންޑް ބައި އެގްރިމެންޓެއްގެ ދަށުން 60 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ހަމަޖައްސައި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ