1.2 މިލިއަން ރުފިޔާ ހޯދުމަށް ދޯނި ސާވިސްގެ މައްޗަށް މީހަކު ދައުވާކޮށްފި

ތ. އަދި ލ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރި މޯލްޑިވްސް ދޯނި ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް، 1،249،833ރ. ހޯދުމަށް މަދަނީ ކޯޓުގައި މީހަކު މިއަދު ދައުވާކޮށްފި އެވެ.
އެ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގ. ސެންޓުގޭ އާދަމް އިބްރާހިމްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު އަހުމަދު މުހައްމަދު ޝުކުރީ ވިދާޅުވީ ދޯނި ސާވިސްގެ ހިދުމަތް ފުޅާކުރަން ކަމަށް ބުނެ އާދަމް އިބްރާހިމްގެ އަތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ މޫސާ ނެގި ފައިސާ އަނބުރާ ނުދައްކާ ކަމަށެވެ. އަދި ވަރަށް ގިނަ ގޮތްގޮތަށް މަސައްކަތްކޮށްގެންނާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ބުނުމުން ވެސް އެ ފައިސާ ނުދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ފައިސާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުން ދޯނި ސާވިސް އިން އާދަމް އިބްރާހިމަށް ދިނީ ޗެކެއް ކަމަށާއި ނަމަވެސް އެ ޗެކު ބައުންސްވެފައިވާ ކަމަށެވެ. ނަމަވެސް މާޗު ،30 2009 ގެ ތާރީހު ޖަހާފައިވާ އެ ޗެކު ބައުންސްވުމުން ވެސް ދޯނި ސާވިސް އިން ފައިސާ ނުދައްކާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން އެ ފައިސާ އެއްފަހަރާ ނަގައިދިނުމަށް ވަކީލު އެދިވަޑައިގަތެވެ.
އޭގެ އިތުރުން ވަކީލު ވިދާޅުވީ މި ޗެކުގެ އިތުރުން ވެސް ހަމަ އެ އަދަދަށް ފައިސާ ޖަހާފައި އާދަމް އިބްރާހިމަށް އިތުރު ދެ ޗެކު ދޯނި ސާވިސް އިން ދީފައިވާ ކަމަށާއި އެ ދެ ޗެކަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ޗެކުގެ މައްސަލަ ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވަކީލު ވިދާޅުވީ ދޯނި ސާވިސް އިން އާދަމް އިބްރާހިމަށް ފައިސާ ނުދިނުމުން އޭނާ ކުރަމުން އައި ވިޔަފާރި ބަނގުރޫޓުވެ އޭނާ އާއި އާއިލާއަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މައްސަލައިގައި ވަކާލާތު ކުރުމުގެ ފީއެއްގެ ގޮތުން ޖުމްލަ ފައިސާގެ 10 ޕަސެންޓް ދޯނި ސާވިސްގެ އަތުން ޝަރީއަތުން ނަގައިދިނުމަށް ވެސް އާދަމް އިބްރާހިމްގެ ފަރާތުން ޝަރީއަތުގައި އެދުނެވެ. އެއީ 124،983ރ. އެވެ.
ދޯނި ސާވިސްގެ ވަކީލު ޝަރީއަތުގައި ވިދާޅުވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރާއްޖޭން ބޭރުގައި އުޅުއްވާތީ ސާފު ކުރަންޖެހޭ ކަންތައްތައް ސާފު ކުރުމަށްފަހު ފުރިހަމަ ޖަވާބެއް ދެއްވަން ފުރުސަތެއް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ގާޒީ އައިޝާ ޝުޖޫން ނިންމަވާލެއްވީ ދައުވާ އަށް ޖަވާބެއް ދެއްވުމަށް ދޯނި ސާވިސް އަށް ފުރުސަތެއް ދެއްވައިފަ އެވެ.
ޝަރީއަތުން ބޭރުގައި އާދަމް އިބްރާހިމް ވިދާޅުވީ އޭނާ ދޯނި ސާވިސް އަށް ދީފައިވާނީ ޖުމްލަ 3،749،499ރ. ކަމަށެވެ. އަދި އެ ފައިސާ ދައްކާނެ ކަމަށް ބުނެ ދޯނި ސާވިސް އިން ދިނީ ތިން ޗެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލުމަށް ސަރުކާރުން ފަށާ މަޝްރޫއުގެ ދަށުން ތ. އަދި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާއީ އަދި އިގްތިސާދީ މަސައްކަތްކުރާ ހަތް ރަށް ހިމެނޭ ގޮތަށް، މެދު ދެކުނު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް 50 އަހަރަށް މޯލްޑިވްސް ދޯނި ސާވިސްއާ ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ