މުލަކުގައި ކުއްޖަކު މާމައާ ހަވާލުކުރަން ރައްޔިތުން ދެކޮޅު ހަދައިފި

ކޯޓު އަމުރެއްގެ ދަށުން ކުޑަކުއްޖަކު އޭނާގެ މާމައާ ހަވާލުކުރަން އުޅުމުން، މ. މުލަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެކަމާ ދެކޮޅުހަދައިފިއެވެ. ފުލުހުން މިއަދު ބުނީ ކުޑަ ކުއްޖަކު، އެކުއްޖާގެ މާމައާ ހަވާލުކުރުމަށް މި މަހުގެ ދެވަނަ ދުވަހު ތިމަރަފުށި ކޯޓުން ފުލުހުންނަށް އަމުރެއް ނެރުނު ކަމަށެވެ. އަދި އެ ކޯޓު އަމުރު އިއްޔެ މެންދުރު 14:00 ގެ ކުރިން ތަންފީޒު ކުރުމަށާއި، އެކަމަށް ބަޔަކު ހުރަސް އަޅައިފިނަމަ އެކަން ހުޓުވުމަށް އަމުރުގައި ބުނެފައިވާ ކަމަށެވެ. ފުލުހުން ބުނީ އެކުއްޖާގެ މާމަ އިއްޔެ ހެނދުނު ކުއްޖާއާ ހަވާލުވުމަށް ދިޔައިރު އެކުއްޖާ ސްކޫލުގައި ހުރުމުން، ސްކޫލް ނިމުނީމާ 12:30 ހާއިރު ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ކުއްޖާގެ ބައްޕައަށް ފުލުހުން އެންގި ކަމަށެވެ. ނަމަވެސް ކުއްޖާ ހުން އައިސްފައިވާތީ ސްކޫލު ނިމުމުން ކުއްޖާގެ ބައްޕަ އޭނާ ގޮވައިގެން މުލަކު ހޮސްޕިޓަލަށް ގޮސް ހޮސްޕިޓަލުގައި ކުއްޖާ އެޑްމިޓްކުރި ކަމަށާއި، ކުއްޖާގެ ހާލަތު އެނގޭނީ ލޭގެ ޓެސްޓު ހެދުމަށްފަހު 14:30 ގައި ނަތީޖާ ލިބުމުން ކަމަށް ޑޮކްޓަރާ ހަވާލާދީ ބައްޕަ ބުނި ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާގެ މާމަ ހޮސްޕިޓަލަށް ގެންގޮސް، އޭނާއާ ލިޔުމުން ކުއްޖާ ހަވާލުކުރިކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކުއްޖާގެ ހާލަތު ރަނގަޅުކަމަށް ބުނެ ހޮސްޕިޓަލުން ކުއްޖާ ދޫކޮށްލަން ނިންމީ އިއްޔެ 15:00 ހާއިރު ކަމަށެވެ. އަދި އޭރު ހޮސްޕިޓަލް ކައިރިއަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ކޯޓު އަމުރު ތަންފީޒުކުރުމަށް ހުރަސް އެޅި ކަމަށެވެ. ރައްޔިތުން ހުރަސްއެޅުމުން ކުއްޖާއާއި ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެތަނަށް އެއްވެ ތިބި މީހުންނަށާއި އެކުއްޖާގެ ބައްޕައަށް ފުލުހުން އެތައް ފަހަރަކު ނަސޭހަތްތެރިވެފައި ވީނަމަވެސް، އެމީހުން އެކަމަށް ހުރަސް އެޅިކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން ހޮސްޕިޓަލުގެ އެމްބިއުލާންސް ހަމަޖައްސާ ކުއްޖާ ގޮވައިގެން ބަނދަރަށް ދިއުމަށް 19:00 ހާއިރު މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ރައްޔިތުންގެ ބަޔަކު ނުކުމެ އެމްބިއުލާންސަށް ނުދެވޭ ގޮތަށް ބިންމަތީގައި އޮށޯވެ އެކަމަށް ވެސް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހިސާބަށް ކަންތައް ދިއުމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތަށް ބަލާފައި، ކުއްޖާއާއި ކުއްޖާގެ މާމަ ހޮސްޕިޓަލުން ނެރެގެން ޕޮލިސް ލޯންޗާ ހަމައަށް ގެންގޮސްފައިވާނީ ފައިމަގުގައި ކަމަށެވެ. ކުއްޖާ ގޮވައިގެން ދިޔަ މަގުމަތީގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އަންހެނަކު ކުއްޖާގެ މާމަގެ ބުރުގާގައި ހިފައިގެން އުޅެނިކޮށް މަގުމައްޗަށް ވެއްޓުނުކަމަށް ފުލުހުން ބުންޏެވެ. ތިމަރަފުށި ކޯޓުން ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ގަޑިއަށް އެ ކޯޓު އަމުރު ތަންފީޒުކޮށްފައިވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ