އިންޑިއާ އާ އެކު ސޮއިކުރި ވިސާ އެއްބަސްވުމަށް އަންނަ މަހު އަމަލުކުރަން ފަށަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ ޑިސެންބަރު މަހު އިންޑިއާ އަށް ވަޑައިގެން ސޮއި ކުރެއްވި ވިސާ އެއްބަސްވުމަށް އަންނަ މަހުގެ 11 ވަނަ ދުވަހު އަމަލުކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.
ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ލިބޭ އެއްބަސްވުމަށް އަމަލުކުރަން ފެށަން ތައްޔާރުވެފައިވަނީ އެ ކަމަށް ބޭނުންވާ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރައީސް މިދިޔަ ޑިސެންބަރު މަހުގެ 16-18 އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ޝުސްމާ ސުވަރާޖް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ އަށް އިންޑިއާ ވިސާ ހޯދަން ބޮޑެތި ލުއިތަކެއް ދިވެހިންނަށް ލިބޭނެ އެވެ.
އެގޮތުން ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ އަށް 90 ދުވަހުގެ ވިސާ ލިބޭއިރު، ވިޔަފާރި ނުވަތަ ޓޫރިސްޓް ވިސާގައި އިންޑިއާގައި އުޅެނިކޮށް ބަލިބެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާ ލިބޭނެ އެވެ. އަދި ދިގުމުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މީހުންނަށް ދެ އެހީތެރިންނާއި އެކު އިންޑިއާގައި ހުރުމަށް އެއް އަހަރުގެ ވިސާ ލިބޭނެ އެވެ.
އޭގެ އިތުރުން ކިޔަވާ ކުދިންނާއި އަދި ކިޔަވާ ކުއްޖާ އަށް 18 އަހަރު ނުވާނަމަ އެ ކުއްޖާގެ ބެލެނިވެރިންނަށް މަލްޓިޕްލް އެންޓްރީ ވިސާ ދޫކުރާނެ އެވެ. އަދި މަތީ ތައުލީމަށް ކިޔަވަން ތިބޭ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންގެ އިތުރުން މައިން ބަފައިންނަށް ވެސް އާ އެއްބަސްވުމުގެ ދަށުން ވިސާ ދޫކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ