"ދަތުރުފަތުރުގެ ނިޒާމު ތަރައްޤީ ކުރާނީ ޖަޒީރާވަންތަކަން ނުގެއްލޭ ގޮތަށް"

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީ ކުރަމުންދަނީ ރާއްޖޭގެ ޖަޒީރާކަން ނުގެއްލޭގޮތަށްކަމަށް  މިނިސްޓްރ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އަޙުމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ތ.ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން ރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީ ކުރަމުން މި ދަނީ ދިވެހިންގެ ޖަޒީރާވަންތަ ދިރިއުޅުން ގެއްލިގެން ނުދާނެ ގޮތަށް، ވައިގެ ދަތުރުފަތުރުވެސް ހިމެނޭގޮތަށް އެއް ވިޔުގައިން މުޅި ރާއްޖެ ގުޅާލުމަކީ ސަރުކާރުގެ އަމާޒެއް." ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމުން އެކަމުގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއް ވެގެންދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން، ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެތައް ފަސޭހަތަކެއް ލިބި، ޞިއްޙީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށްވެސް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދަތުރުވެރީންނާއި ފަތުރުވެރިން އަދި ޚާއްޞަކޮށް މެޑިކަލް ކަންކަމުގައި ދަތުރުކުރައްވާ ބޭފުޅުން މާލެއިން ނުވަތަ ރާއްޖޭގެ އެހެން އެއަރޕޯޓުތަކުން ދަތުރު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ. މި ރަށުގައި އަދި މި އަތޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިފައިވާއިރު ރޭގަނޑު ފްލައިޓުތައް އޮޕަރޭޓް ކުރަން ފެށުމުން ގެސްޓް ހައުސް ހިންގަމުންދާ ފަރާތްތަކަށް އެކަމުގެ ހެޔޮ މަންފާ ކުރަމުންދާނެކަން އަޅުގަނޑު ޔަޤީން ކުރަން." އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވަނީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާތީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ