އީސީން ގަބޫލުކުރީ ޕީއެންސީގެ 1900 ފޯމް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އުފައްދަން މަސައްކަތް ކުރަމުން ގެންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން 4000 މީހުންގެ މެންބަޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ސައްހަ ފޯމުގެ ގޮތުގައި ކޮމިޝަނުން ބަލައިގެންފައިވަނީ 1900 ފޯމް ކަމަށް ވީނިއުސް އަށް އެނގިއްޖެ އެވެ.
ޕީއެންސީގެ އޮފިޝަލަކު ވެސް ވަނީ މިކަން ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް ކޮމިޝަނުން މިމައްސަލާގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ ޕީއެންސީ ހުށަހެޅި ފޯމް ވެރިފައި ކުުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިމަސައްކަތް ނިމުމުން ޕީއެންސީ އުފައްދަން ހުއްދަ ދޭން ފެންނަނަމަ ކޮމިޝަނުން އެ ހުއްދަ ދޭނެ ކަމުގައިވެސް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް 4000 އަށް ވުރެ ގިނަ ފޯމް ހުށަހެޅި ނަމަވެސް ކޮމިޝަނުން ބަލައިގަތީ 1900 ފޯމް ކަމަށެވެ. އެހެންކަމުން އިތުރަށް 1000 އަކަށް ވުރެ ގިނަ ފޯމް މިހާރު ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ޕީއެންސީއާ މެދު އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަނީ ޒާތީ ގޮތަކަށް ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުމަށް 4000 އަށް ވުރެ ގިނަ ފޯމާ އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
ޕީއެންސީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށެވެ.
އަބްދުއްރަހީމް މީގެކުރިން ވިދާޅުވީ ޕީއެންސީ އުފައްދަނީ ރައީސް ޔާމިންގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ރައީސް ޔާމިން ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް ޕީއެންސީ ހިންގާނީ ރައީސް ޔާމިން ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ