ސުއޫދުގެ މައްސަލަ މިއަދު ކެންސަލް

ކްރިމިނަލް ކޯޓާއި ގުޅުވައިގެން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތައް ބެލުމަށް މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ފަނޑިޔާރޔުންގެ މަޖިލީހުން ނިންމެވީ މިއަދުގެ އަޑުއެހުން ކެންސަލް ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ފަހުގެ ތާރީހެއްގައި އެ މައްސަލަ އަލުން ޝެޑިއުލްކޮށް އަންގާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކްރިމިނަލް ކޯޓާއި އެކޯޓްގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް، ސުއޫދު ވާހަކަ ދެއްކެވިކަމަށް ބުނެއެވެ.
ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދުވަނީ ފަނޑިޔާރުންނާ ހާއްސަކޮށް ކްރިމިނަލް ކޯޓާ އެކޯޓްގެ ފަނޑިޔާރުންނާ މާލޭގެ ގޭންގުތަކާއި ގާތްގުޅުން އޮންނަކަމަށް ވިދާޅުވެފައެވެ. އަދި އެމައްސަލަ ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގެ ހެކި އެކޮމިޓީއަށް ހުށަހަޅުއްވާފައި ވާނޭކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދުގެ ވާހަކަތަކާއި ގުޅިގެން ޝަރުއީ ދާއިރާގެ ހުރުމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އަދި ފަނޑިޔާރުންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނުރުހުމާއި، ނުތަނަވަސްކަން އުފެދޭ ފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް ޖޭއެސްސީން ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަނޑިޔާރުގެއާއި ފަނޑިޔާރުންނާއި ގުޅޭގޮތުން ސުއޫދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ސްޕްރީމް ކޯޓުން ވެސް ކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ސުއޫދުގެ ވާހަކަތަކުގެ ހެކި އެކޯޓަށް ހުށަހެޅުމަށް މަރުތައް ބަލާ ކޮމިޝަނުގައި އެދިފައިވާ ކަމަށެވެ. އޭގެ އިތުރުން ސުއޫދުގެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުން ސުއޫދުގެ މައްސަލަ ކުރިއަށް ގެންދާއިރު ބައެއް ގާނޫނީ ބޭފުޅުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ