ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފިއެވެ.
ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފްގައި ހުންނަ ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްސްޕުލޯސިވް ޑިވައިސް (އައިއީޑީ)އެއް ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން، ޖަނަވަރީ، 18 2014ގައެވެ.
އަދި އެ މައްސަލާގައި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭރުވެސް ނާޒިމް ގެންދެވީ އެކަމަކީ ބަޔަކު އޭނާ ފުރޭމް ކުރުމަށް ކުރި ކަމެއް ކަމަށް ވިދާޅުވަމުންނެވެ.
ކާނަލް ނާޒިމް ފުރޭމް ކުރި މައްސަލަ ފުލުހަށް
އެގޮތުން މި ސަރުކާރު އައިފަހުން އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމުން، މިދިޔަ މަހުގެ ތެރޭގައި އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، ނާޒިމް މިނިވަންކޮށްފައެވެ.
ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ، ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައިދިނުމަށް އެދި ނާޒިމް ހުށަހެޅުމުން އެ މައްސަލަ ޝަރީއަތުގެ މަރުހަލާތައް ނިމުނު ގޮތުގެ މައްޗަށް ރިއާޔަތްކޮށް އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.
ނާޒިމްގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމާފައިވާއިރު، ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފިސްތޯލައިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ