ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކަށް ބަދަލުކުރަނީ

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވިޓެއްގައެވެ. މޭޔަރު ޝިފާ ވިދާޅުވީ ސަލްޓަން ޕާކުގެ ނަން ދިރުވުމަށް ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރުމަށް އަންނަ އަންގާރަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ސަލްޓަން ޕާކަކީ ރާއްޖޭގައި އޮތް ރަސްކަން ނިމުމަށް ފަހު އޭރުގެ ގަނޑުވަރު ހުރި ބިމުގައި ޕާކެއްގެ ގޮތުގައި 1968 ވަނަ އަހަރު ހުޅުވި ތަނެކެވެ. މިތަން ހުޅުވުނީއްސުރެ 2017 ވަނަ އަހަރާ ހަމައަށް އެތަންނަށް ކިޔަމުން އައީ ސަލްޓަން ޕާކެވެ.
އެހެންނަމަވެސް އެނަން ކިޔާތާ ގާތްގަނޑަކަށް 50 އަހަރު ވެފައި ވަނިކޮށް ނިމިދިޔަ ސަރުކާރުގައި 2017 ވަނަ އަހަރު އެތަން ތަރައްގީކޮށް މުޅި ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު ކުރީގެ ރައީސް ޔާމިން ވަނީ އެތަނުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކޮށްފައެވެ.
ތާރީހީ ތަނެއްގެ ގޮތުގައި ދިވެހިން ބަލައިގެންފައިވާ ޕާކަކަށް އެފަދަ ބޮޑު ބަދަލެއް ގެނެސް، ތަނުގެ ނަން ބަދަލު ކުރުމުން ކަމާބެހޭ ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑު ކިޔުންވެސް އޭރުގެ ސަރުކާރަށާއި ރައީސް ޔާމީނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ