ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި، ނާސްތާ ޕްރޮގްރާމް ވެސް ފަށައިފި

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަށް ފަހު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިދިޔަ ހަފްތާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވީ ފެށިގެންދާނެ އަހަރަކީ އާ އުންމީދުތަކަކާއެކީ އަދި އާ ލަނޑުދަނޑިތަކެއް ހާސިލްވާނެ އަހަރެއް ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސިޔާސަތުގައި ގެންގުޅުއްވާ ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ވަނީ ބައެއް ސްކޫލުތަކުގައި އިފްތިތާހްކޮށްފައެވެ. އެގޮތުން އަމީނިއްޔާ ސްކޫލުގައި ނާސްތާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނާސްތާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން ނާސްތާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ދަރިވަރުން މަސައްކަތް ކުރާން ޖެހޭނީ ކިޔަމަންތެރި އަދި ގައުމަށް ހިދުމަތްކޮށްދޭ އަދި ހަމައެހެންމެ މައިންބަފައިންނަށް އަޅާލާ ބަޔަކަށްވާން ކަމަށެވެ. ދަރިވަރުން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ތައުލީމު އުނގެނުން ކަމަށާއި އިލްމު އުނގެނުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. "ހެދިބޮޑުވުމުގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެން ނޫނީ ފުރިހަމަ ކާމިޔާބަކަށް ނުދެވޭނެ ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް،" ނައިބު ރައީސް ފައިސަލް ވިދާޅުވީ މިއަދުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ދަރިވަރުންނަށް އަޅާލާ ދަރިވަރުންގެ ތައުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގެ ދަރިވަރުންނަކީ ގައުމަށް ވަފާތެރި ހިދުމަތްކުރެވޭ މައިންބަފައިންނަށް އަޅާލާ ފަދަ ބަޔަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ. ނާސްތާ ޕްރޮގްރާމްގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން "ދުވަހަކުވެސް ތައުލީމަށް ހޭދަނުކުރާ ވަރަށް މި ސަރުކާރުން ހޭދަކުރާނެ. ތައުލީމީ ކަންތައްތައް ކުރިއެރުވުމަށްޓަކައި ސްކޫލުގެ ވަސީލަތްތައް ގާއިމުކުރުމަށް ދުވަހަކު މަސައްކަތްނުކުރާ ވަރަށް މަސައްކަތް ކުރާނަން،" ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ