ޔޫއޭއީގެ ރައްޔިތުން ދަތުރު ކުރުމަށް ހުއްދަދޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ

ރާއްޖެއަކީ ޔޫއޭއީގެ ރައްޔިތުން ދަތުރު ކުރުމަށް "ލޯ ރިސްކް" ގައުމެއް ކަމަށް އެ ގައުމުން ކަނޑައަޅައިފިއެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުން ދަތުރު ކުރުން މަނާކޮށްފައި އޮތް އޮތުމަށް ލުއިދީ، ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
މިގޮތުން ޔޫއޭއީން ވަނީ ދުނިޔޭގެ ގައުމުތައް ތިން ކެޓަގަރީ އަކަށް ބަހާފައެވެ. އެއީ، "ހައި ރިސްކް" ގައުމުތަކާއި، "މޮޑަރޭޓް ރިސްކް" ގައުމުތަކާއި، "ލޯ ރިސްކް" ގައުމުތަކެވެ.
ޔޫއޭއީގެ ސަރުކާރުން ބުނެފައިވަނީ، ޖޫން 23ން ފެށިގެން ފުރަތަމަ ދަތުރު ކުރުމަށް ހުއްދަ ދެވޭނީ ހަމަ އެކަނި "ލޯ ރިސްކް" ނުވަތަ ބަލީގެ ނުރައްކާ ކުޑަ ގައުމުތަކަށް އެކަނި ކަމުގައެވެ. ނަމަވެސް، ޚާއްސަ ހާލަތެއްގައި، ކޮންމެހެން ދަތުރު ކުރަން ޖެހިއްޖެ ނަމަ "މޮޑަރޭޓް ރިސްކް" ގައުމަކަށް ދަތުރު ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޔޫއޭއީގެ ރައްޔިތުންނަށް ދަތުރު ކުރުމަށް ހުއްދަދޭ "ލޯ ރިސްކް" ކެޓަގަރީގައި 41 ގައުމު ހިމެނޭއިރު ސާކު ސަރަހައްދުގެ ގައުމަކަށް އެ ލިސްޓުގައި ހިމަނާފައި އޮތް ހަމައެކަނި ގައުމަކީ ދިވެހި ރާއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ