ތައިލެންޑުގައި ތާށިވެފައިތިބި 26 ދިވެއްސަކު ރާއްޖެ ގެންނަނީ

ރާއްޖެ ނާދެވި ތައިލެންޑްގައި ތާށިވެފައި ތިބި 26 ދިވެހިން މިރޭ މާލެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ތައިލެންޑްގައި ތާށިވެފައި ތިބި 26 ދިވެހިން މިރޭ މާލެ އަންނާނެ ކަމަށާއި އަދި އެ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނަށް ދާނެ ކަމަށެވެ.
ރާއްޖެ ނާދެވި ބޭރު ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުންދާއިރު ދާދިފަހުން ވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި އިންޑިޔާގެ 16 ސިޓީއެއްގައި ތާށިވެފައިތިބި 234 ދިވެއްސަކު ރާއްޖެ ގެނެސްފައެވެ.
މިމީހުންނަކީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ މީހުންނާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައިތިބި ދިވެހިން ކަމަށް މިނިސްޓްރީއިން މީގެކުރިން ވަނީ ބުނެފައެވެ.
މީގެ އިތުރަށް ސްރީލަންކާގައިތިބި 100 ދިވެހިންނެއްވެސް އަނބުރާ ރާއްޖެ ގެނެސްފައިވާއިރު ރާއްޖެ ނާދެވިފައި ތިބި ގިނަ ދިވެހިން މިހަތަނަށް ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއް ލޮކްޑައުންއަށް ގޮސްފައިވުމުގެ ސަބަބުން އަނބުރާ ގައުމަށް ނާދެވިފައި ގިނަ ދިވެހިންނެއް ގައުމުތަކުގައި އެބަތިއްބެވެ.
މި ގައުމުތަކުގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި މޯލްޑިވިއަންއާ ގުޅިގެން ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ