ސިޔާސީ ވާދަވެރިން ރޫޅިއްޖެ، ކަންކަން ކުރެވޭނީ އެމްޑީޕީއަށް: ނަޝީދު

ސިޔާސީ ވާދަވެރިން ރޫޅިއްޖެ ކަމަށާއި، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހުގެ ތަހުނިިޔާ އަރިސްކުރައްވަމުން ކުރެއްވި ޓްވީޓުގައެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށާއި، ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިއްޖެ ކަމަށެވެ.
ނަޝީދު ވަނީ އެމްޑީޕީއަށް މަރުހަބާ ދަންނަވަމުން، ﷲގެ އިރާދަފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނެ ކަމަށާއި، އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީއަކީ ރާއްޖޭގައި ދެ ފަހަރަށް ވެރިކަން ހޯދު ފުރަތަމަ ޕާޓީއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ނިޒާމް ރާއްޖެއަށް ތައާރަފު ވެގެން އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ވަނީ 26 ޖޫން 2005 ގައެވެ.
އެމްޑީޕީ ވުޖޫދުވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުން ދެފަހަރުގެ މަތިން ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެފައި ވެއެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ކަމަށް އެ ޕާޓީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރައްވާފައި ވާއިރު، 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިންތިހާބު ކޮށްފައެވެ. ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއްގެ އިތުރުން އަދި މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް އެޕާޓީގެ އެންމެ ޕޮޕިއުލާ ލިީޑަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ