ވިސާ ފީ ނުދައްކާ އެއްވެސް ބިދޭސީއަކަށް ރާއްޖެއިން ނުފުރޭ ގޮތަށް ނިންމައިފި

ރާއްޖޭގައި މަސައްކަތްކުރާ އެއްވެސް ބިދޭސީއަކަށް ވިސާ ފީ ހަމައަށް ނުދައްކާ ފުރައިގެން ނުދެވޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. އޭނާ މިއަދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކަން އޮންނަނީ އެގޮތަށް ކަމަށާއި ވިސާ ފީ ނުދައްކައި މީގެ ކުރިން ފުރައިގެން ދެވުނަސް، މިހާރު އެއްވެސް ބިދޭސީއަކަށް އެގޮތަށް ފުރައިގެން ނުދެވޭނެ ކަމަށެވެ. "ވިސާ ފީގެ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ސަރުކާރަށް ލިބެން ޖެހޭ 120 މިލިއަން ރުފިޔާ ވަރު ހުރީ ނުލިބި. އެތައް އަހަރެއް ވަންދެން ވިސާ ނުދައްކާ ރާއްޖޭގައި މަސައްކަތް އެބަކުރޭ. އެ އެންމެން ވެސް ހުރިހާ ދުވަހަކަށް ވިސާ ދެންޖެހޭނީ ދައްކަން. އެހެން ނޫނީ ފުރައިގެނެއް ނުދެވޭނެ،" ޝާހިދު ވިދާޅުވި އެވެ. އެ ގޮތަށް ހަމަޖެއްސުމުން ވިސާ ފީ ނުދެއްކިގެން ރާއްޖޭގައި އެތައް ބަޔަކު ތާށިވެދާނެނޫންތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށެވެ. "މިގޮތަށް ހަމަޖައްސައި އެކަން ތަންފީޒު ކުރަން ފެށި ފުރަތަމަ ހަފުތާގައި 58 މީހަކު ފުރަން ގޮސް ތިއްބާ އަޅުގަނޑުމެން ހިފެހެއްޓިން. އަނެއް ހަފުތާގައި 24 މީހުން ހިފެހެއްޓީ. އޭގެ ފަހުން އެބައި މަދުވަމުން ދަނީ. އެހެންވީމަ އެއީ މައްސަލައެއް ނޫން. ވިސާ ދައްކައިގެން އެ މީހުން ފުރާނެ،" ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާގެ އަމާޒަކީ ބިދޭސީން މަދުކުރުން ނޫން ކަމަށާއި "ޒިންމާއަކީ ބިދޭސީން ގަވައިދާ އެއްގޮތަށް އުޅޭ ބަޔަކަށް ހެދުން" ކަމަށެވެ. "މި ހުރިހާ މައްސަލައެއް ދިމާވެގެން މި އުޅެނީ މި ވީހާ ދުވަހަކު ގާނޫނު ]އިމިގްރޭޝަންގެ ގާނޫނު[ ތަންފީޒު ނުކުރެވުން. މިހާރު އަޅުގަނޑު މި ހުރީ އެކަން ކުރަން ނުކުމެ،" ޝާހިދު ވިދާޅުވި އެވެ. "[ބިދޭސީން] ފުރަން ދާއިރު ވިސާ ހުންނަންވާނީ މީގެ ފަހުން ދެއްކިފައި. ހުރިހާ ޑޮކިއުމެންޓެއް އަތުގައި ހުންނަން ޖެހޭނެ. މިކަން ރަނގަޅުވި ދުވަހަކުން އިނގޭނީ ދެން ހުރި މައްސަލަތައް." އިމިގްރޭޝަނުން ދާދިފަހުން ވަނީ ބިދޭސީންގެ ވިސާ ފީ މަދުވެގެން ތިން މަހަށް ދައްކަން ޖެހޭ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ. ޝާހިދު ވިދާޅުވީ ބިދޭސީންގެ ވިސާ ދެއްކުމުގެ މައްސަލައަކީ ވެސް ދުވަހަކު ހައްލު ނުވި މައްސަލައެއް ކަމަށާއި ގާތްގަނޑަކަށް ލައްކައެއްހާ ބިދޭސީންނަށް ވިސާ ދެއްކުމަށް އަހަރަކު 1.2 މިލިއަން ފަހަރު އިމިގްރޭޝަނަށް ނުވަތަ މީރާ (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) އަށް ދާން ޖެހޭ ކަމަށެވެ. "މިހާރު އޭގެ ބަދަލުގައި އަހަރަކު އެކަން އެ ވަނީ ތިން ލައްކަ އަށް ބަދަލުވެފައި. އޭގެ ފަސޭހަތައް އަޅުގަނޑުމެންނަށް ފެންނަން ފަށާނީ އަންނަ މަހުން ފެށިގެން. މިހާރު މިދިޔަ މަހު އޮންނާނީ ބިދޭސީންނަށް ތިން މަހަށް ވިސާ ދެއްކިފައި،" ޝާހިދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބައެއް މީހުންގެ ޝަކުވާ އަކީ ތިން މަހަށް ވިސާ ދައްކާ މީހާ އޭގެ ކުރިން ފުރައިގެން ހިނގައްޖެ ނަމަ ވިސާގެ ރިފަންޑު ނުލިބިދާނެ ކަމުގެ ޝަކުވާ ކަމަށެވެ. "އެކަމަކު މިއީ ސަރުކާރާ އެކު ކުރާ ވިޔަފާރިއެއް އިނގޭތޯ. ދުނިޔޭގެ އެއްވެސް ތަނެއްގައި އެ ފައިސާއެއް ރިފަންޑެއް ނުކޮށްދޭނެ. އެކަން ގަބޫލުކޮށްގެން ވިސާ ދައްކަން ޖެހޭނީ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ހަގީގަތުގައި އެއް އަހަރުގެ މިހާރު ވެސް މި ދޫކުރަނީ ކްރެޑިޓަށް. ކޮންމެ މީހަކަށް ވެސް އެއް އަހަރުގެ ވިސާ އެބަ ދޫކުރަން. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން ކުރާ ގޮތެއް ނޫން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ